ޖަރުމަނުވިލާތަށް ދިވެހިން ދިއުމަށް ވިސާ ޖެހުމަށް ވަގުތީ ސެންޓަރެއް ޤާއިމް ކުރުމަށް ފޮރިން މިނިސްޓްރީން ނިންމައިފި އެވެ.
ފޮރިން މިނިސްޓްރީގެ ވެބްސައިޓްގައި ވާގޮތުން މި ސެންޓަރު ޤާއިމް ކުރުމަށް ހަމަޖެހިފައި ވަނީ 7 ފެބްރުއަރީ 2018 އިން ފެށިގެން 13 ފެބްރުއަރީ 2018 އަށް، ކޮންމެ ދުވަހަކު ހެނދުނު 09:00 އިން ހަވީރު 18:00 އަށް އެ މިނިސްޓްރީގައި އެވެ.
މިޚިދުމަތް ހުކުރު ދުވަހު ދެވޭނީ މެންދުރު 14:00 އިން 18:00 އަށް ކަމަށާއި މި ވިސާ އެޕްލިކޭޝަން ސެންޓަރުގެ ޚިދުމަތް ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތަކުން ވިސާ އެޕްލިކޭޝަން (http://www.vfs-germany.com/Schedule_An_Appointment.html) ފުރިހަމަ ކުރެއްވުމަށްފަހު އޮންލައިންކޮށް އެޕޮއިންޓްމަންޓްއެއް ހެއްދެވުމަށް ޖަރުމަނު އެމްބަސީއިން އެދިވަޑައިގަންނަވާ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.
މީގެ އިތުރުން 5 ފެބްރުއަރީ 2018 ގެ 23:00 އާއި ހަމައަށް އެޕޮއިންޓްމެންޓް ހެއްދޭނެ ކަމަށްވެސް ފޮރިން މިނިސްޓްރީގެ ވެބްސައިޓްގައި ވެއެވެ.
ޖަރުމަނު ސަރުކާރުން މިކަން މިގޮތަށް ހަމަޖައްސަވައި ދެއްވުމާ ގުޅިގެން، ޖަރުމަނު ސަރުކާރަށް ޝުކުރުއަދާ ކުރައްވާކަމަށާއި މިކަމުގެ ސަބަބުން އެގައުމަށް ދަތުރު ކުރައްވާ ދިވެހިންނަށް ޚާއްސަކޮށް ބާރލިންގައި ބޭއްވޭ އައި.ޓީ.ބީ ފެއަރގައި ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކަށް ލުއި ފަސޭހަތަކެއް ވެގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި، މިކަމައިގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. މުޙައްމަދު ޢާޞިމް ވިދާޅުވިއެވެ.