Last Updated: June 19, 16:18
Friday, June 19, 2026
ޚަބަރު

ވިލާއިން 1.2 މިލިއަން ޑޮލަރު ދައްކައިފި

ރާއްޖޭގެ އެންމެ ބޮޑު ފަތުރުވެރިކަމުގެ ކުންފުނި ވިލާ ޝިޕިން އެންޑް ޓްރޭޑިން ހިންގަމުންދާ ރިސޯޓުތަކުން މީރާއަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން ބައެއް ފައިސާ ދެއްކި ނަމަވެސް ވިލާއަށް ދުލެެއް ނުދޭނެކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ވިލާގެ ރިސޯޓްތަކުން ދައްކަން ޖެހޭ ޖީއެސްޓީ އާއި ގްރީން ޓެކްސްއަށްވާ 1.2 މިލިއަން ޑޮލަރުގެ ފައިސާ މިދިޔަ ހޯމަ ދުވަހު ދައްކާފައިވަނިކޮށް ޓޫރިޒަމް މިނިސްޓްރީން އިނގިރޭސި ބަހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ވިލާއިން ފައިސާ ދައްކަން އެއްވެސް މަސައްކަތެއް ނުކުރާކަމަށާއި، އެއްބާރުލުމެއް ނުދޭ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ވިލާގެ ރިސޯޓްތަކަށް އޫރުމަހާއި ބަނގުރާ އެތެރެ ކުރުމުގެ ވަގުތީ ހުއްދައިގެ 14 ދުވަސް ދިނީ ވިލާއިން ފައިސާ ދައްކާނެކަމުގެ އުއްމީދުގައި ކަމަށެވެ.

ނަމަވެސް ވިލާއިން ފައިސާ ދައްކާނެކަމަށް ނުބެލެވޭތީ އިތުރު ފުރުސަތެއް ނުދޭނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އޭގެ ސަބަބުން އެރިސޯޓްތައް ބަންދު ކުރުން ޖެހިދާނެކަންވެސް ވަނީ ޓުއާ އޮޕަރޭޓަރުންގެ ސަމާލު ކަމަށް ގެނެސްފައެވެ.

ވިލާގެ ރިސޯޓްތައް ސަރުކާރުން ހުއްޓުވާލަން މަސައްކަތް ކުރާކަމަށް އެރިސޯޓުންވެސް ތުހުމަތު ކުރަމުން އަންނަ އިރު ގިަނ ދިވެހި ރައްޔިތުންވެސް ތިބީ ވިލާ ކުންފުންޏަށް ހަދަމުންދާ ގޮތާއި މެދު ހިތް ހަމަ ނުޖެހިފައެވެ.

ވިލާގެ ރިސޯޓްތައް ހުއްޓިއްޖެނަމަ 5000 އެއްހާ މީހުންގެ ވަޒީފާ ގެއްލޭނެކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.