ޖަރުމަނުވިލާތުގެ ބޮރޫޝިޔާ ޑޯޓްމަންޑަށް ކުޅެމުން އައި ޕިއެރް އެމެރިކް އައުބަމަޔެންގް އިނގިރޭސި ވިލާތުގެ އާސެނަލްއަށް ކުޅުމަށް އެއްބަސްވެއްޖެއެވެ.
އާސެނަލްގެ ސަންޗޭޒް މެންޗެސްޓާ ޔުނައިޓެޑަށް ސޮއިކުރި ފަހުން ޓްރާންސްފާ ބާޒާރުގައި އެންމެ ގަދަޔަށް ދެކެވުނު ވާހަކައަކީ އައުބަމަޔަންގް އާސެނަލްއާ ގުޅެން އުޅޭ ކަމުގެ ވާހަކައެވެ.
ގިނަ ދުވަސްތަކެއް ވަންދެން ދެކުލަބުގެ ދެމެދުގައި އެއްބަސްވުމަކަށް ނާދެވި ދިގުލައިގެން ދިޔަ ނަމަވެސް މިއަދު އާސެނަލްއިން ވަނީ އައުބަމަޔެންގް އާސެނަލްއަށް ކުޅުމަށް އެއްބަސްވެފައިވާކަން ސޯޝަލް މީޑިޔާ މެދުވެރިކޮށް ކަށަވަރުކޮށްދީފައެވެ.
އާސެނަލުން ވަނީ މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައިވެސް ފޯވާޑެއް ގަނެފައެވެ. ފްރާންސުގެ ލިޔޯންއަށް ކުޅެމުން އައި އެލެކްސެންޑަރ ލަކަޒެޓް އާސެނަލްއާއި ގުޅުނަސް އޭނާއަށް މިހާތަނަށް އެދެވޭ ކުޅުމެއް ދެއްކިފައިނުވާ ކަން ފާހަގަކޮށްލެވެއެވެ.