އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ ކުޅުނު މެޗުތަކުން ބަލިވެ، ދެ ޓީމަށްވެސް ޕޮއިންޓު ގެއްލުމުން ސިޓީ އެއްވަނައިގައި ދަމަހައްޓަމުން އައި ލީޑު އިތުރަށް ފުޅާކޮށްފިއެވެ.
މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ހޮޓްސްޕާސް ބައްދަލުކުރި މެޗު ސްޕާސް 0-2 އިން ކާމިޔާބުކޮށްފައިވާއިރު ޗެލްސީ ބަލިވެފައިވަނީ އަމިއްލަ ދަނޑުގައި ބޯންމައުތް އަތުން 0-3 އިންނެވެ. ވެސްޓް ބްރޮމްއާ ދެކޮޅަށް ކުޅުނު މެޗު ސިޓީން ވަނީ ފަސޭހަކަމާއެކު 0-3 އިން ކާމިޔާބުކޮށްފައެވެ.
ޔުނައިޓެޑު މެޗުގައި ސްޕާސްގެ ފުރަތަމަ ލަނޑު ފުރަތަމަ މިނެޓު ތެރޭގައި އެރިކްސަން ޖަހާފައިވާއިރު ދެވަނަ ލަނޑަކީ ފިލް ޖޯންސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މެޗުގައި ސްޕާސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައިރު ޔުނައިޓެޑަށް މެޗު އަނބުރާލުމަށް އެއްވެސް ކަމެއް ނުކުރެވުނު ކަން ފާހަގަކޮށްލެވެއެވެ.
ޗެލްސީގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުން ކޮންޓޭގެ ޓީމު ބަލިވެފައިވަނީ ބޯންމައުތްއިން ފަހު ހާފުގައި ކައިރި ކައިރީގައި ޖެހި ތިން ލަނޑުންނެވެ. ގިނަ ވަގުތު ޗެލްސީ ޓީމުން ބޯޅަ ހިފަހައްޓައި، ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ގޯލަށް ނުރައްކާކުރެވޭ ފަދަ ގިނަ ހަމަލާތަކެއް ފޮނުވިފައެއް ނުވެއެވެ.
މެންޗެސްޓާ ސިޓީން ވެސްޓް ބްރޮމްގެ މައްޗަށް ކުރި ހޯދީ ފަނަންޑީނިއޯ، ޑިބްރުއޭނާ އަދި ކުން އަގުއޭރޯ ކާމިޔާބުކުރި ލަނޑުތަކުންނެވެ. ރޭގައި ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު އެވަޓަންއިން ވަނީ 1-2 އިން ލެސްޓާ ސިޓީ ބަލިކޮށްފައެވެ. އެވަޓަންގެ ދެ ލަނޑުވެސް ޖަހާފައިވަނީ ދާދި ފަހުން އާސެނަލުން އެވަޓަންއާ ގުޅުނު ތިއޯ ވަލްކޮޓްއެވެ. ލެސްޓާގެ ހަމައެކަނި ލަނޑަކީ ޖޭމީ ވާޑީ ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ.