Last Updated: June 13, 10:19
Saturday, June 13, 2026
ކުޅިވަރު

ޖިރޫ ޗެލްސީ އަށް، މޯރާ ސްޕާސް އަށް

ފިނި މޫސުމުގެ ޓްރާންސްފާ ބާޒާރު އިއްޔެ ނިމުމަކަށް އައިސްފައިވާއިރު ފަހު ދުވަސް ނުވަތަ "ޑެޑްލައިން ޑޭ" އަކީ އަބަދުވެސް ވަރަށް ފޯރިގަދަ ދުވަހެކެވެ.

ކުލަބުތަކުން އަވަސް އަރުވާލައިގެން ކުޅުންތެރިން ގަނެ، ވިއްކައި އަދި ލޯނުކޮށް ހަދާއިރު ޓްރާންސްފާ ޑެޑްލައިންޑޭ އަކީ ގިނަ ބަޔަކު އިންތިޒާރު ކުރާ ދުވަހެކެވެ. މިފަހަރުވެސް ޕްރިމިއާ ލީގު ޓީމުތަކުން ވަނީ ފަހު ދުވަހު ބޮޑެތި ޓްރާންސްފާތަކެއް ނިންމާލާފައެވެ.

އާސެނަލުން ޑޯޓްމަންޑުގެ އައުބަމަޔެންގެ ކުލަބަށް ގެނައިކަން އިއުލާން ކުރުމަށްފަހު އިއްޔެ ވަނީ ފޯވާޑް، އޮލިވިއާ ޖިރޫ ކުލަބުގެ ދުވަސްވީ ހަތުރުން ކަމަށްވާ ޗެލްސީއަށް ވިއްކާލާފައިވާކަން އިއުލާންކޮށްފައެވެ. 18 މިލިއަން ޕައުންޑަށް ޖިރޫ ޗެލްސީއާ ގުޅިފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން އޭނާ ހޯދުމަށް ކުލަބުން މަސައްކަތް ކުރުމަށްފަހުގައެވެ.

މީގެ އިތުރުން ޕީއެސްޖީގެ ލޫކަސް މޯރާ އިނގިރޭސިވިލާތުގެ ޓޮޓެންހަމް ހޮޓްސްޕާސްއަށް ވަނީ އިއްޔެ ގެނެސްފައެވެ. ޓްރާންސްފާ ވިންޑޯގެ ކުރީކޮޅު މެންޗެސްޓާ ޔުނައިޓެޑުން މޯރާ ހޯދުމަށް މަސައްކަތް ކުރި ނަމަވެސް ޔުނައިޓެޑުން ވަނީ ޕީއެސްޖީން ކީ އަގު ބޮޑު ކަމުން އޭނާ ހޯދުމަށް ކުރި މަސައްކަތް ހުއްޓާލާފައެވެ.

އޭރު ރިޕޯޓުތައް ބުނާ ގޮތުގައި 60 މިލިއަން ޔޫރޯ ހޯދުމަށް ޕެރިހުން ޔުނައިޓެޑަށް ޑިމާންޑު ކުރި ނަމަވެސް ޓޮޓެންހަމުން މޯރާ ގެނެސްފައިވަނީ 23 މިލިއަން ޕައުންޑަށެވެ. މިފަހަރުގެ ޑެޑްލައިންޑޭ ގައި އިނގިރޭސި ޕްރިމިއާ ލީގު ޓީމުތަކުން ވަނީ ރެކޯޑު، 150 މިލިއަން ޕައުންޑު ކުޅުންތެރިންނަށް ޚަރަދުކޮށްފައެވެ.