މިދިޔަ އަހަރުގެ އެޕްރީލް މަހު ރަހުމުކުޑަ ގޮތަކަށް މަރާލި ސ. ފޭދޫ، ޗަނބޭލީގެ، ޔާމީން ރަޝީދުގެ މަރުގެ ތަހުގީގުގައި ގާތިލުން ހޯދުމަށް ފޮރެންސިކް އެކްސްޕާޓުންގެ އެހީ ހުށައެޅުމުން ކޮންމެވެސް ސަބަބަކާއި ލައިގެން ކަމާ ބެހޭ އިދާރާތަކުން އެހީ ގަބޫލުނުކުރި ކަމަށް ޕްރޮފެސަރ ހަސަން އުގެއިލް ވިދާޅުވެއްޖެއެވެ.
އުގެއިލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޔާމީން މަރުގެ މައްސަލާގައި ފުލުހުންގެ އަތުގައި ހުރި ވީޑިއޯ ފުޓޭޖުތައް އެނަލައިޒްކޮށް އިތުރަށް ދިރާސާކުރުމަށް އިނގިރޭސި ބައެއް އެކްސްޕާޓުން މެދުވެރިކޮށް، އަގަކާއި ނުލާ ހިލޭ އެހީ ހުށައެޅި ކަމަށެވެ. ނަމަވެސް އޭނާ ހުށައެޅި އެހީ ގަބޫލުކޮށްފައިނުވާ ކަމަށާއި އިދާރާތަކުން އެގޮތަށް އަމަލުކުރީ ކީއްވެގެން ކަމެއް ނޭނގޭ ކަމަށް އުގެއިލް ބުނެފައިވެއެވެ.
ޕްރޮފެސަރ އުގެއިލްގެ އެންމެ ފަހު ޕްރޮޖެކްޓުގެ ގޮތުގައި މޫނުމަތިން އަސަރު ދަނެގަންނަ ސޮފްޓްވެއާއެއް ތައާރަފް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު އިނގިރޭސި ހޮސްޕިޓަލެއްގައި މިހާރު އުގެއިލްގެ ސޮފްޓްވެއާ އަންނަނީ ޓެސްޓު ކުރަމުންނެވެ.
ކޮމްޕިއުޓާ އިންޖިނިއަރިން އަދި ހިސާބު އިލްމުން ޕީއެޗްޑީ ހައްދަވާފައިވާ އުގެއިލް އަކީ މިއަދާ ހަމައަށްވެސް ދިވެހި ރާއްޖެއިން ސައިންސުގެ ދާއިރާއިން ޕްރޮފެސަރޝިޕް ހާސިލުކޮށްފައިވާ ހަމައެކަނި ފަރާތެވެ. އުގެއިލް މަސައްކަތް ކުރަނީ ޔުނިވާސިޓީ އޮފް ބްރެޑްފޮޑްގެ ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް އިންފޮމެޓިކްސްގެ ޕްރޮފެސަރެއްގެ ގޮތުގައެވެ. އުގެއިލްގެ ފަރާތުން އެފަދަ އެހީއެއް ލިބެން އޮތްވާ ގަބޫލުނުކުރި ސަބަބެއް ދިވެހި ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.