Last Updated: June 30, 09:20
Monday, June 30, 2025
ޚަބަރު

މުވައްޒަފުންނަށް ކުރާ ތުހުމަތުތައް ބަލައިނުގަނެވޭނެ: މައުމޫން

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ އޮފީސްގައި މަސައްކަތް ކުރާ މުވައްޒަފަކާއި ސެކިއުރިޓީއަކަށް އަދި ޑްރައިވަރަށް ފުލުހުން ކުރާ ޓެރަރިޒަމްގެ ތުހުމަތުތައް ބަލައި ނުގަނެވޭނެ ކަމަށް މައުމޫން ވިދާޅުވެއްޖެއެވެ.

މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ފުލުހުން 9 މަހުގެ ތުއްތު ކުއްޖެއްގެ މަންމައާ ދެކޮޅަށް ކުރާ ޓެރަރިޒަމްގެ ތުހުމަތުގެ ސަބަބުން ހައިރާން ވެފައިވާ ކަމަށެވެ. އަދި މިއީ ގަބޫލުކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށް މައުމޫން ވިދާޅުވިއެވެ.

އިއްޔެ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ރައީސް މައުމޫނާ ގުޅޭ ތިން ގެއެއް ވަނީ ފާސްކޮށްފައެވެ. އަދި މައުމޫންގެ އޮފީހުގެ އަންހެން މުވައްޒަފެއް ކަމަށްވާ ނަޖުމާ އަދި މައުމޫންގެ ސެކިއުރިޓީއެއް ކަމަށްވާ އަޒްމީ ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މީގެ އިތުރުން ބިދޭސީ ޑްރައިވަރަކުވެސް ވަނީ އިއްޔެ ހައްޔަރުކޮށްފައެވެ.

ނަމަވެސް ރޭ ނަޖުމާ ވަނީ ގޭބަންދަށް ދޫކޮށްލާފައެވެ. ފުލުހުން ވަނީ އޭނާގެ ގެއިން މޯބައިލް ފޯނަކާއި ބުރުގަލެއް ތަހުގީގަށް ގެންދިޔަ ހެކީގެ ގޮތުގައި ނަގާފައެވެ.