Last Updated: June 28, 06:55
Sunday, June 28, 2026
ޚަބަރު

ޖުލައި މަަހުގެ ތެރޭގައި ރާއްޖޭގައި ޑޮކްޓަރުކަން ކިޔަވައިދޭން ފަށަނީ

މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ރާއްޖޭގައި ޑޮކްޓަރުކަން ނުވަތަ އެމްބީބީއެސް ޑިގްރީ އަށް ކިޔަވައިދިނުމަށް މޯލްޑިވްސް ނޭޝަނަލް ޔުނީވާސިޓީ (އެމްއެންޔޫ) އިން ދަނީ ތައްޔާރުވަމުން ކަމަށް އެ ޔުނިވާސިޓީ އިން ބުނެފި އެވެ.

އެމްއެންޔޫގެ ވައިސް ޗާންސެލާ ޑރ. އަލީ ފަވާޒު ޝަރީފު އާއި ހަވާލާދީ ވަގުތު ނޫހުން ރިޕޯޓް ކުރާ ގޮތުގައު އެމްބީބީއެސް ކޯސް ފެށުމަށްޓަކައި މިހާރު އެ ޔުނިވާސިޓީ އިން ދަނީ ކޯހުގެ ސްޓްރަކްޗާ އާއި ފީ ކަނޑައެޅުމުގެ މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތް މި މަހުގެ ތެރޭގައި ނިމި، ކޯހަށް ވަނުމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށްވެސް ޑރ. ފަވާޒް ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގައި ވެސް އެމްބީބީއެސް ކިޔަވައިދޭނީ އެހެން ޤައުމްތަކުގައި ބޭނުންކުރަމުން އަންނަ ކަރިކިއުލަމަށް ކަމަށާއި، މިހާރުވެސް ޑޮކްޓަރުކަން ކިޔެވުމަށް ގިނަ އަދަދެއްގެ ދަރިވަރުން އެދެމުންދާ ކަމަށް ފަވާޒް ވިދާޅުވި އެވެ.

މީގެ ކުރިން ހެލްތު މިނިސްޓަރު ނާޒިމް ވިދާޅުވި ގޮތުގައި 2018 ވަނަ އަހަރުގެ ތެރޭގައި ރާއްޖޭގައި މެޑިކަލް ކޮލެޖެއް ހުޅުވިގެން ދާނެއެވެ. އެމްއެންޔޫގެ ތެރެއިން ޤާއިމް ކުރެވޭ އެ މެޑިކަލް ކޮލެޖުގެ ޒަރިއްޔާއިން ގިނަ އަދަދެއްގެ ދިވެހި ޒުވާނުންނަށް ރާއްޖޭގައި ތިބެގެން އެމްބީބީއެސް ޑިގްރީ ހާސިލްކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށްވެސް ނާޒިމް ވަނީ ވިދާޅުވެފަ އެވެ.

އެގޮތުން ރާއްޖޭގައި މެޑިކަލް ކޮލެޖެއް ޤާއިމް ކުރުމަށްޓަކައި ޕާކިސްތާނުގެ އެހީގެ ދަށުން ފަސް މިލިއަން ޑޮލަރު ވަނީ ދީފައެވެ.