Last Updated: June 28, 06:55
Sunday, June 28, 2026
ޚަބަރު

ބީއެމްއެލްގެ "އަހަރެންގެ ބޭންކް" ކެމްޕެއިން ފަށައިފި

މިއަހަރުގެ "އަހަރެންގެ ބޭންކް" ކެމްޕޭން ފަށުމުގެ ރަސްމިއްޔާތުގެތެރެއިން - ފޮޓޯ: )ސަން (ފަޔާޒު މޫސާ

ދިވެހި މުޖުތަމަޢުއަށް ތަފާތު ދާއިރާތަކުން އެހީތެރިވުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގާ ކޮމިއުނިޓީ ޕްރޮގްރާމް "އަހަރެންގެ ބޭންކް" ކެމްޕެއިން މިއަދު ފަށައިފި އެވެ.

މިއަދު ބީއެމްއެލްގެ ހެޑް އޮފީހުގައި މޯލްޑިވްސް ޕޮލިސް ސާވިސް އާއި ގުޅިގެން ކުރިއަށްގެންދިޔަ ޚާއްސަ ޙަރަކާތަކާއެކު މި އަހަރުގެ "އަހަރެންގެ ބޭންކް" ކެމްޕެއިން ވަނީ ރަސްމީކޮށް ފަށާފައެވެ.

މިދިޔަ އަހަރު ބީއެމްއެލް އިން ފެށި މި ކެމްޕެއިންގެ ދަށުން މި އަހަރުވެސް ފެބްރުއަރީ މަހުގެ ކޮންމެ ދުވަހަކު މުޖުތަމަޢު އަށް ޚިދުމަތް ކޮށްދިނުމުގެ ގޮތުން ބޭންކުން ކޮންމެވެސް ޚާއްސަ ކަމެއް ކުރާނެ އެވެ.

ބީއެމްއެލް އިން ބުނާ ގޮތުގައި އެ ޙަރަކާތުގެ މައިގަނޑު މަޤްސަދަކީ ދިވެހިންނާއި ދިވެހި މުޖުތަމަޢުއާއި ދެމެދު އޮތް ގުޅުން ބަދަހި ކުރުމެވެ. އަދި "އަހަރެންގެ ބޭންކް" ކެމްޕެއިންގެ ދަށުން ދެމެހެއްޓެނިވި މަޝްރޫއު ހިންގުމަށް މިދިޔަ އަހަރު ކުރިއަށްގެންދިޔަ ޙަރަކާތްތައް މިއަހަރު ވެސް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށްވެސް ބީއެމްއެލް އިން ބުނެއެވެ.

މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގާ މި ކެމްޕެއިންގެ ދަށުން ޙަރަކާތްތައް ކުރިއަށްގެންދާނީ ހަމައެކަނި ފެބްރުއަރީ މަހުގެ ތެރޭގައި ނޫން ކަމަށާއި، މުޅި މި އަހަރުގެ ތެރޭގައި 60 އަށްވުރެ ގިނަ ޙަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބޭންކުން ބުނެއެވެ.

އެގޮތުން މިދިޔަ އަހަރު ބީއެމްއެލް އިން ހިންގި "އަހަރެންގެ ބޭންކް" ކެމްޕެއިންގެ ދަށުން 50 އަށްވުރެ ގިނަ ޙަރަކާތްތަކަށް 300 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަން ފާހަގަ ކޮށްލެވެއެވެ.