Last Updated: May 3, 13:49
Friday, May 3, 2024
ޚަބަރު

ޕްރިންސިޕަލާ މައްސަލަ ޖެހި ހުޅުދޫ ސްކޫލްގެ ގިނަ ޓީޗަރުން ވަކިވަނީ

ހުޅުދޫ ސްކޫލްގެ ޕްރިންސިޕަލް ސިއްދީގު ސްކޫލްގެ ދިވެޖި ޓީޗަރުންނާއި އެކު ޓީޗާސްޑޭގައި، ފޮޓޯ: ހުޅުދޫ ސްކޫލް ފޭސްބުކް ޕޭޖް

ހުޅުދޫ ސްކޫލްގެ ޕްރިންސިޕަލް މޫސާ ސިއްދީގް އަމަލު ކުރައްވާ ގޮތާ ގުޅިގެން އެ ސްކޫލްގައި ކިޔަވައި ދޭން ތިބި ދިވެހި ޓީޗަރުން އެ ސްކޫލް ދޫކޮށް ދާން ނިންމައިފި އެވެ.

"އައްޑޫލައިވް" އަށް އެނގިފައިވާ ގޮތުގައި ސްކޫލް ބެލެނިވެރިންނާއި ދިވެހި ގިނަ ޓީޗަރުންނާއި ޕްރިންސިޕަލާ ވަނީ މައްސަލަ ޖެހިފަ އެވެ.
އެ ސްކޫލްގެ ކަންކަން އެނގޭ މީހަކު "އައްޑޫލައިވް" އަށް ކިޔައި ދިން ގޮތުގައި ސްކޫލްގެ ޕްރިންސިޕަލް ޓީޗަރުންނާއި ބެލެނިވެރިންނާ ވެސް ވާހަކަ ދައްކަނީ ވަރަށް ބޭއަދަބީ ބަހުންނެވެ.

އެގޮތުން ސްކޫލް ދަރިވަރުންނާއި ބެލެނިވެރިން އަދި ޓީޗަރުން ހިމެނޭ ޖަލްސާތަކުގައި ވެސް ޓީޗަރުންނަށް އަމާޒުކޮށް ހުތުރުކޮށް ވާހަކަ ދައްކަވާފައިވެ އެވެ.

އަދި ޓީޗަރުން ޕްރިންސިޕަލް ކޮޓަރި އަށް ގެނެސް ވަރަށް ހަޑި ހުތުރުކޮށް އެޓީޗަރުންނާއި މުޙާޠަބް ކުރާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ހުޅުދޫ ސްކޫލްގެ ޕްރިންސިޕަލާއި އެތަނުގެ ދިވެހި ޓީޗަރުންނާއި ބެލެނިވެރިން ހިތްހަމަނުޖެހުން ފާޅު ކުރަމުން އަންނަ އިރު ޕްރިންސިޕަލްގެ މައްސަލަ ޕެޓިޝަނެއްގެ ގޮތުގައި އެޑިއުކޭޝަނަށް ހުށަހެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

"މި އަހަރު ވެސް އެ ސްކޫލް ދޫކޮށް ބައެއް ދިވެހި ޓީޗަރުން ގޮސްފި. މިހާރު ވެސް ފަސް ދިވެހި ޓިޗަރުން ދާން އުޅެނީ. މިއީ އެންމެ މީހަކާ ޖެހި އަހަރެމެންގެ ދަރިންނަށް ލިބޭ ބޮޑު ނިކަމެތި ކަމެއް. މި ސްކޫލަކީ ވެސް ސިޔާސީ އައްޑާއެއް،" ސްކޫލްގެ ބެލިވެރިޔަކު ބުންޏެވެ.

ޕްރިންސިޕަލާ މެދު ޓީޗަރުން އަދި ބެލެނިވެރިން ހިތްހަމަނުޖެހުން ފާޅު ކުރަމުން އަންނަ އިރު މިދިޔަ އަހަރު އެ ސްކޫލްގެ ބިދޭސީ ޓީޗަރަކު ސްކޫލް ކުދިންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެ އެޓީޗަރަށް ބަޔަކު ވަނީ އަނިޔާކޮށްފަ އެވެ.

ހުޅުދޫން ވާހަކަ ދެއްކި ބެލެނިވެރިޔާ ބުނީ އެމައްސަލަ ވެސް ޕްރިންސިޕަލްގެ ސަމާލު ކަމަށް ގެނައި ނަމަވެސް އެއްވެސް ފިޔަވަޅެއް ނާޅައި އަޅާނުލައި ހުއްޓާ ބަޔަކު މީހުން ޓީޗަރަށް އަނިޔާ ކުރީ ކަމަށެވެ.

"މިއީ އަޅުގަނޑުމެންގެ ދަރިންގެ ރައްކާތެރި ކަމަށް ވެސް ވިސްނާ މީހެއް ނޫން. އެހެން ނަމަ އެޓީޗަރުގެ މައްސަލަ ވެސް ބަލާނެ. އެޓީޗަރަކީ ޕްރިންސިޕަލް އާއި އެންމެ ގާތް ޓީޗަރު، ފާޑަކަށް އެޓީޗަރު ހިމާޔަތް ކޮށްގެން ޕްރިންސިޕަލް ހުރީ، އެކަމަކު މިއީ ދަރިވަރުންގެ ކަންކަން އެންމެ ބޮޑަށް ބަލަން ޖެހޭ މީހާ."

މައުލޫމާތު ލިބޭ ގޮތުގައި ސްކޫލުން ގިނަ ޓީޗަރުން މި މައްސަލައަށް ހައްލެއް ނުލިބިއްޖެ ނަމަ އިސްތިއުފާ ދޭނެ އެެވެ.