Last Updated: May 4, 06:00
Saturday, May 4, 2024
ޚަބަރު

ސިލްކް އެއަރއިން ރާއްޖެއަށް އިތުރު ފްލައިޓްތައް ބާއްވަނީ!

ސިލްކްއެއަރ އިން ހަފްތާއަކު އިތުރު ހަތަރު ފްލައިޓް ރާއްޖެއަށް ދަތުރުކުރަން ފަށާނެ ކަމަށް އެމްއޭސީއެލްއިން ބުނެފިއެވެ.

މާރޗް 2018 އިން ފެށިގެން ފްލައިޓްތައް އިތުރުކުރާއިރު ސިލްކްއެއަރ އަކީ ސިންގަޕޯ އެއަރލައިންސްއާއި ގުޅިގެން ދަތުރުކުރާ އެއަރލައިންއެކެވެ. އެގޮތުން މި ދެއެއަރލައިން ގުޅިގެން ރާއްޖެއަށް ކުރާ ދަތުރުތައް ހަފްތާއަކު 18 ފްލައިޓަށް އިތުރުވެގެންދާނެ އެވެ.

ސިލްކްއެއަރގެ ދަތުރުތައް ރާއްޖެއަށް ފުރަތަމަ ފެށީ 2015 ވަނަ އަހަރު ހަފްތާއަކު 4 ފްލައިޓާއި އެކު އެވެ. އޭގެ ފަހުން 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ވަނީ ދުވާލަކު ފަލައިޓެއް ބާއްވަން ފަށާފައެވެ.

މާރޗް 2018ގައި ދަތުރުތައް އިތުރުކުރުމާއި ގުޅިގެން ހަފްތާއަކު 11 ދަތުރު ސިލްކް އެއަރއިން ރާއްޖެއަށް ކުރާނެއެވެ. ފްލައިޓްތައް އިތުރުކުރުމާއި ގުޅިގެން 130 މަންޒިލަކުން ރާއްޖެއަށް އަންނަން ބޭނުންވާ ފަތުރުވެރިންނަށް އިތުރު ފުރުޞަތުތަކެއް ލިބިގެންދާނެއެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވީ ފްލައިޓްތައް އިތުރުވެގެންދިޔުމަކީ އެކުންފުނިން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށާއި މިކަމުގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުވެގެންދާނެ ކަމަށެވެ.

އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ގެންނަ ތަރައްޤީއާއި އެކު ރާއްޖޭގެ އިޤްތިޞާދު އިތުރަށް ކުރިއަރައިގެންދާނެ ކަމަށް ވިދާޅުވިއެވެ.