ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ އޮފީހުގައި މަސައްކަތް ކުރަމުން ދިޔަ ނަޖުމާ އިބްރާހިމްގެ ޝަރީއަތް ނިމެންދެން ގޭބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ރިޝްވަތު ދިންކަމުގެ ތުހުމަތުގައި ރޭ ނަޖުމާ ހައްޔަރުކުރުމަށްފަހު ވަނީ ގޭބަންދަށް ދޫކޮށްލާފައެވެ. ނަޖުމާ ގޭބަންދަށް ދޫކޮށްލާފައިވަނީ އޭނާއަކީ އަށް މަހުގެ ތުއްތު ކުއްޖެއްގެ މަންމައަކަށް ވެފައި ކުޑަ ދަރިފުޅަށް އޭނާގެ މަންމަ ނެތުމުން ވާނެ ދަތިތަކުގެ ވާހަކަ ނަޖުމާގެ ވަކީލުން ފާހަގަކޮށްފައި ވަނިކޮށެވެ.
އަދި މިއަދު އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ގާޒީ ވަނީ މައްސަލަ ނިމެންދެން ނަޖުމާ ގޭބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
މީގެ އިތުރުން ރޭ ހައްޔަރުކުރި މައުމޫންގެ ޑްރައިވަރުގެ ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް ހާޒިރުކުރުމުން ފަނޑިޔާރު ވަނީ އޭނާގެ ޝަރީއަތް ނިމެންދެން ޖަލު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.