ގައުމުން ބޭރުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވުމަށްފަހު އިއްޔެ އަނބުރާ ރާއްޖެ ވަޑައިގެންނެވި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ފުލުހަށް ހާޒިރުވުމަށް އަންގައި މިއަދު ޗިޓު ފޮނުވައިފިއެވެ.
މަހްލޫފް ފުލުހަށް ހާޒިރު ކުރަނީ ފުލުސް އޮފީހަށް ދޮގު މައުލޫމާތު ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެންނެވެ. ފުލުހުން ބަލަމުން އަންނަނީ މިދިޔަ ޑިސެމްބަރު މަހު މަހްލޫފް ކުރި ޓުވީޓެއްގައި އެސިސްޓެންޓް ކޮމިޝަނަރ ޖަމްޝީދު ޑީމޯޓު ކުރެއްވުމާއި ގުޅިގެން ފުލުހުން ޓެގުކޮށް، މަހްލޫފް ކުރި ސުވާލަކާ ގުޅިގެންނެވެ.
އެ ޓުވީޓުގައި މަހްލޫފް ވަނީ ޖަމްޝީދު ޑީމޯޓު ކުރަން ނިންމީ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ޒަހަރު ދިނުމަށް އެންގުމުން އެކަން ނުކޮށް، އަދީބަށް އެވާހަކަ ދަންނަވަން މަސައްކަތް ކުރުމުން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އެކަން ސާފުކޮށްދިނުމަށް ފުލުހުން ކައިރީ އެދިފައެވެ.
މަހްލޫފް ވަނީ ގިނަ ދުވަސްތަކެއް ވަންދެން ގައުމުން ބޭރުގައި އުޅުމަށްފަހު އައުމުން ފުލުހުން ހޫނު މަރުހަބާއެއް ކިޔާފައިވާ ކަމަށް ބުނެ މަލާމާތް ރައްދުކޮށްފައެވެ.