Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

އޭޖީ އަނިލްއަށް ފިޔަވަޅު އަޅަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެ ރޭ ނެރުނު އަމުރަށް ބަންޑާރަ ނައިބް މުހައްމަދު އަނިލް ނުކިޔަމަންތެރިވެފައިވާކަމަށް ބުނެ މައްސަލަ ބަލައި ދިނުމަށް ޖުމްހުރީ ޕާޓީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

އަނިލްގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ އެކޯޓުން ނެރުނު އަމުރުގައި ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް އަމުރުކޮށްފައި ވަނިކޮށް ދައުލަތުގެ މީޑިއާ މެދުވެރިކޮށް ގެނެސްދިން ނޫސް ކޮންފަރެންސްގައި އެ ހުކުމަކީ "ސުޕްރީމް ކޯޓުން ނެރުނު އަމުރެއްކަމަށް ބެލެވޭ" އަމުރެއްކަމަށް ވިދާޅުވެ އަމުރު ތަންފީޒު ކުރުމަށް ލަސްކުރާކަމަށް ބުނެއެވެ.

އަނިލް ވިދާޅުވީ، ސުޕްރީމް ކޯޓުގެ އަމުރުގެ ސައްހަކަމާމެދު ސަރުކާރަށް ސުވާލުތަކެއް ހުރުމުން އެކަން ސާފުކުރުމަށް ސުޕްރީމް ކޯޓާ ވާހަކަ ދައްކަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް މިހާތަނަށް އެކަން އަދި ކާމިޔާބު ނުވާ ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ހުކުމާ ގުޅޭ ގޮތުން އަންނަ ގާނޫނީ ނުކުތާތައް ސާފު ކުރުމަށް އެ ކޯޓަށް ހުށަހަޅާނެ ކަމަށް ވެސް އަނިލް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީން ހުށަހެޅި މައްސަލާގައި ބުނެފައިވަނީ ކޯޓުން ވަކި ކަމެއް ކުރަން އަމުރު ކޮށްފައިވަނިކޮށް، އެކަން ދިރާސާކުރުމަށްފަހު ނޫނީ ތަންފީޒު ނުކުރާނެ ކަމަށް ވިދާޅުވެ، އަމުރު ތަންފީޒުކުރުން ލަސްކޮށް، ކޯޓު އަމުރު ތަންފީޒުކުރުމަށް ހުރަސް އަޅާފައިވާ ކަމަށެވެ. އެހެންވެ އޭޖީގެ މައްޗަށް ގާނޫނީ ފިޔަވަޅު އެޅުމަށް ވަނީ އެދިފަ އެވެ.

ސަރުކާރުން އަދިވެސް އެހުކުމަގައި ވާ ކަންކަން ތަންފީޒުކޮށްފައި ނުވެެއެވެ. އެގޮތުން އަދި އެއްވެސް ސިޔާސީ ކުށްވެރިއަކު ދޫކޮށް ނުލައެވެ.