Last Updated: June 28, 06:55
Sunday, June 28, 2026
ޚަބަރު

ރައީސް ޔާމީންގެ ވެރިކަން މިވަނީ ރީތިކޮށް ނިމިފައި: ނަޝީދު

ނަޝީދު، ފޮޓޯ: ސަންޑޭ އޮބްޒާވާރ

ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ވެރިކަން ވަނީ ރީތިކޮށް ނިމިފައި ކަމަށާއި، ރައީސް ޔާމީން ރީތިކޮށް ބަލިކުރައްވާނެ ކަމަށްވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދު ރާއްޖެޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ ސުޕްރީމް ކޯޓުން ދިވެހި ޤައުމަށްޓަކައި ރޭ ނެރެދެއްވި ޙުކުމާއި ގުޅިގެން އެއްވެސް ފަނޑިޔާރަކާއި ޕޮލިސް ކޮމިޝަނަރަކު ހައްޔަރުކުރެވިގެން ނުވާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ ސުޕްރީމް ކޯޓްގެ ޙުކުމް ސަރުކާރުން ބަލައިނުގަންނަކަން ރޭ ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަނައިބު މުހައްމަދު އަނިލް ދެއްކެވި ވާހަކަފުޅުން އެނގިގެންދާ ކަމަށެވެ.

ރޭ ބޭއްވި ނޫސް ކޮންފަރެންސްގައި އަނިލް ވިދާޅުވީ ސުޕްރީމް ކޯޓްގެ ޙުކުމެއް ކަމަށް ބުނާ ޙުކުމެއް ރޭ ނެރެފައިވީ ނަމަވެސް، ރަސްމީކޮށް ވެސް އަދި ނުރަސްމީކޮށް ވެސް އެ ޙުކުމް ސަރުކާރަށް ލިބިފައި ނުވާ ކަމަށާއި، އެ ޙުކުމްގައި ދައުލަތަށް އަމާޒުވާ ވަރަށް ގިނަ ކަންތައްތަކެއް ހުރުމުން އެކަމާ ގުޅޭ ޤާނޫނީ ކަންކަން ބަލަމުންދާ ކަމަށެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ސަރުކާރުގެ ބަސްމަގު ހުރީ ސުޕްރީމް ކޯޓްގެ ޙުކުމް ތަންފީޒް ކުރާ ގޮތަށް ނޫނެވެ. އެހެންނަމަވެސް ފުލުހުންނާއި ސިފައިން އެ ޙުކުމް ތަންފީޒްކުރުން ފަސްނުކުރާނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ރޭ މާލެ ވަޑައިގަންނަވާނެ ކަމަށް ކުރިން އަޑުފެތުރިފައި އޮތްނަމަވެސް، އެމަނިކުފާނު ވަނީ އެ ޚަބަރު ދޮގުކުރައްވާފަ އެވެ. އެހެންނަމަވެސް ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށާއި، ކަންކަން ކުރައްވާނީ އެމަނިކުފާނުގެ ޕާޓީ، އެމްޑީޕީ އިން ލަފާދޭ ގޮތަށް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

މި ސަރުކާރުން ރައީސް ނަޝީދު ހައްޔަރުކޮށް ޖަލަށްލުމުން އެމަނިކުފާނު މިނިވަންކުރެއްވުމަށް އަނބިކަނބަލުން ލައިލާ އަލީ އާއި ދެ ދަރިކަނބަލުންނާއި އާއިލާގެ އިތުރުން އެމްޑީޕީ އާއި ސިޔާސީ ބޭފުޅުންނާއި ހެޔޮއެދޭ ފަރާތްތަކަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.