Last Updated: July 1, 20:14
Wednesday, July 1, 2026
ޚަބަރު

"ބީ" ޒޯންގެ ވަގުތީ ބޯޑު ކައުންސިލުން ދޫކުރަނީ!

ސައިކަލްގެ ރަޖިސްޓްރީ ޒޯން ބަލަނީ، ވަގުތީ ޒޯން ބޯޑު ކައުންސިލުން ދޫކުރަނީ/ ފޮޓޯ: އައްޑޫލައިވް.

އައްޑޫ ގައި ދުއްވާ ވެހިކަލްތަކުގެ ތެރެއިން "ބީ" ޒޯން އަށް ރަޖިސްޓްރީ ނުކޮށް ތިބި ފަރާތްތަކަށް "ބީ" ޒޯންގެ ވަގުތީ ބޯޑުތައް ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ކައުންސިލުން ބުނެފިއެވެ.

ކައުންސިލްގެ އިންފްރާސްޓަރަކްޗަރ ހިންގުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަބްދުﷲ ޠޮއްޔިބް(ޓޮމް) ވިދާޅުވީ އައްޑޫ ހިމެނޭ "ބީ" ޒޯން އަށް ވެހިކަލްތައް ރަޖިސްޓްރީ ނުކުރެވި ތިބި ފަރާތްތަކަށް ޒޯން ބަދަލު ކުރުމުގެ ފުރުސަތު މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

"ކައުންސިލްގެ ޓްރާސްޕޯޓް ސެކްޝަނަށް ވަޑައިގެން ވަގުތީ ބޯޑުތައް ލިބޭނެ އިންތިޒާމް މިހާރުވަނީ ހަމަޖެހިފައި" ޓޮމް ވިދާޅުވިއެވެ.

އައްޑޫގައި ދުއްވާ ވެހިކަލްތަކުގެ ޒޯން ބެލުމަށް ފުލުހުން މިހާރު ފަށާފައިވާ އޮޕަރޭޝަނުގައި ފާއިތުވި ދެ ދުވަހު ވަނީ 36 ފަރާތެއް ޖުރިމަނާކޮށްފައެވެ.

ޓޮމް ވިދާޅުވީ ފުލުހުން ހިންގަމުންދާ ހާއްސަ އޮަޕަރޭޝަނާއި ގުޅިގެން ގިނަ ބަޔަކު ޖުރިމަނާކުރަމުން އަންނާތީ އެފަރާތްތަކުން ވީ އެންމެ އަވަހަށް ކައުންސިލަށް ވަޑައިގެން ޒޯން ބަދަލުކުރުމަށެވެ.

އައްޑޫގައި ދުއްވާ ބައެއް ވެހިކަލްތަކުގެ ޒޯން "އޭ" ކެޓަގަރީގައި ވަނީ އެ ވެހިކަލްތަކަކީ އިންސްޓޯލްމެންޓަށް ނަގާފައިވާ ވެހިކަލްތަކަށް ވެފައި އެ ދޫކުރާ ކުންފުނީގެ ނަމުގައި ރަޖިސްޓްރީ ހެދިފައި ވުމުންނެވެ.

ޓޮމް ވިދާޅުވީ އެފަދަ ވެހިކަލްތައް ގެންގުޅޭ ފަރާތްތަކުންވެސް ސައިކަލް އިންސްޓޯލްމެންޓަށް ނަގާފައިވާ ކަމުގެ އެއްބަސްވުން ހިފައިގެން ކައުންސިލަށް ވަޑައިގަތުމުން ވަގުތީ ބޯޑު ލިބޭނެކަމަށެވެ.