ސުޕްރީމް ކޯޓުން ރޭ ކުރި ހުކުމާ ގުޅިގެން ދައުލަތުގެ ބައެއް ކަންބޮޑުވުންތައް އެބަހުރި ކަމަށާއި ހުކުމް ތަންފީޒު ކުރުން ލަސްވެގެން ދަނީ އޭގެ ސަބަބުން ކަމަށް ބަންޑާރަ ނައިބު އަނިލް ވިދާޅުވެއްޖެއެވެ.
ބަންޑާރަ ނައިބާއި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރު އަދި ހޯމް މިނިސްޓަރު އަޒްލީން ދެއްވި ނޫސް ކޮންފަރެންސެއްގައި އަނިލް ވިދާޅުވެފައިވަނީ ދައުލަތުގެ ކަންބޮޑުވުންތައް ލީޑަރުން މިނިވަން ކުރުމަށް ކުރި ހުކުމާއި ގުޅިގެން އެބަހުރި ކަމަށެވެ.
އަދި އެކަމާއި ގުޅިގެން އުއްތަމަ ފަނޑިޔާރާއި މިހާރު މަޝްވަރާ ކޮށްފައިވާ ކަމަށާއި އުއްތަމަ ފަނޑިޔާރު ވަނީ ގާނޫނީ އިމުގެ ތެރެއިން އަމަލުކުރުމަށް އިރުޝާދު ދެއްވާފައި ކަމަށް އަނިލް ވިދާޅުވިއެވެ.
އަނިލް ފާހަގަ ކުރެއްވި ކަންބޮޑުވުންތަކުގެ ތެރޭގައި މިނިވަން ކުރަން އެންގި ލީޑަރުންގެ ތެރޭގައި ބޮޑެތި ކުށްތަކެއްގެ ތުހުމަތު ކުރެވޭ ބަޔަކު އެބަ ތިބި ކަމަށާއި އޭގެ ތެރޭގައި ޓެރަރިޒަމް، މީހުން މެރުން، ކޮރަޕްޝަން، އެމްބެޒެލްމެންޓް، ހިޔާނާތް ފަދަ ބޮޑެތި ކުށްތައް ހިމެނޭ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.
އަދި މިހާރު އުއްތަމަ ފަނޑިޔާރުގެ އިރުޝާދުގެ ދަށުން ޕްރޮސެކިއުޓާ ޖެނެރަލް ވަނީ ލިސްޓުގައި ހިމެނޭ މީހުންގެ ކުށްތައް ދިރާސާ ކުރަން ފަށާފައިވާ ކަމަށް އަނިލް ވިދާޅުވެފައިވެއެވެ.
ނަމަވެސް ރޭ ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ސިޔާސީ ގޮތުން ހައްޔަރުކޮށްފައިވާ 9 ލީޑަރަކު ވަގުތުން މިނިވަން ކުރުމަށް ވަނީ ހުކުމްކޮށް، ސަރުކާރާއި ކަމާ ބެހޭ ފަރާތްތަކަށް ހުކުމް ވަގުތުން ތަންފީޒު ކުރުމަށް އަމުރުކޮށްފައިވެއެވެ. ގާނޫނީ ވަކީލުން ވަނީ ގާނޫނީ ގޮތުން ސަރުކާރަށް ހުކުމް ތަންފީޒު ކުރުން ލަސް ކުރެވޭނެ އެއްވެސް އިޖުރާއަތެއް ނެތް ކަމަށް ބުނެ ހުކުމް ތަންފީޒު ކުރުމަށް ގޮވާލާފައެވެ.