ސުޕްރީމް ކޯޓުން ރޭ ކުރި ހުކުމް ލަސްނުކޮށް ތަންފީޒު ކުރުމަށް އދ. އިންވެސް ދިވެހި ސަރުކާރަށް ގޮވާލައިފިއެވެ.
އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އިދާރާއިން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ސުޕްރީމް ކޯޓުން ކުރި އަމުރަށް ސަރުކާރުން އިހުތިރާމުކޮށް، އެއަމުރު ތަންފީޒު ކުރަން ގޮވާލާ ކަމަށެވެ.
We urge the #Maldives to respect the Supreme Court decision to overturn ex-President Nasheed’s conviction, release political prisoners & reinstate suspended opposition MPs https://t.co/zfgcgUEVwZ
— UN Human Rights (@UNHumanRights) February 2, 2018
ރައީސް ނަޝީދާއި ސިޔާސީ ގޮތުން ހުކުމް ތަންފީޒުކުރަމުން އަންނަ ލީޑަރުން ވަގުތުން ބަންދުން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވާއިރު އަދިވެސް ސަރުކާރުން އެއްވެސް ލީޑަރަކު ޖަލުން މިނިވަން ކޮށްފައެއް ނުވެއެވެ.
ސަރުކާރުގެ ފަރާތުން ބަންޑާރަ ނައިބު އަނިލް ވިދާޅުވެފައިވަނީ ދައުލަތުގެ ކަންބޮޑުވުންތައް ހައްޔަރީން މިނިވަން ކުރުމާ ގުޅޭ ގޮތުން އެބަ ހުރި ކަމަށާއި އެކަންތައް އުއްތަމަ ފަނޑިޔާރާ ހިއްސާކޮށް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
ނަމަވެސް ސުޕްރީމް ކޯޓުގެ ހުކުމް ވަރަށް ސާފު ކަމަށާއި ސިޔާސީ ލީޑަރުން ބަންދުގައި ބެހެއްޓޭނެ އެއްވެސް އަސާސެއް ނެތް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކާއި ބޭރުގެ ފަރާތްތަކުންވެސް އަންނަނީ ބުނެ، ސަރުކާރަށް ޕްރެޝަރު ކުރަމުންނެވެ.