ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒުކުރުމަށް ހުރަސް އަޅާ ފަރާތްތަކާ މެދު ބައިނަލް އަގުވާމީ ހަމަތަކުން ފިޔަވަޅު އެޅުން ގާތް ކަމަށް ކުރީގެ ރައީސް، އަދި ޖަލު ހުކުމުން މިނިވަން ވެފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒު ކުރެއްވުން ސަރުކާރުން ލަސް ކުރަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވަމުން ކުރެއްވި ޓުވީޓެއްގައެވެ.
"ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒު ކުރުމަށް ހުރަސް އަޅުއްވާ ޖެނެރަލް ޝިޔާމް އަށާއި އެންމެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނިވި ހަގީގަތަކީ މުޅި ދުުނިޔެ ގޮވަނީ ހުކުމް ތަންފީޒު ކުރުމަށް. އެކަން ނުކޮށްފިނަމަ، އެކަމަށް ހުރަސް އަޅުއްވާ އެންމެ ބޭފުޅުންގެ މައްޗަށް ބައިނަލް އަގުވާމީ ހަމަތަކުން ފިޔަވަޅު އެޅުން ގާތް"
ދިވެހި ސަރުކާރުން މިދަނޑިވަޅުގައި އަޅާނެ ފިޔަވަޅަކަށް މުޅި ދުނިޔެ ފާރަވެރިވެ، ބަލަމުންދާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަނީ ސުޕްރީމް ކޯޓުގެ ހުކުމް ލަސް ކުރުމެއް ނެތި ތަންފީޒު ކުރުމަށް ސަރުކާރަށް ގޮވާލަމުންނެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ވެއްޓެން ކައިރިވެފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން އައި ނަމަވެސް ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ބުނަނީ ސުޕްރީމް ކޯޓުގެ ހުކުމުގައި ރައީސް ކަމުން ޔާމީން ދުރުކުރުމަށް ބުނެފައި ނުވާ ކަމަށެވެ. އަދި މިސަރުކާރު ނުވެއްޓޭނެ ކަމަށާއި ރައީސް ޔާމީންގެ ފަހަތްޕުޅުގައި ސާބިތުކަމާއެކު ތިއްބެވި ކަމަށް ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވަމުން އެބަ ގެންދަވައެވެ.