ރިޕޯޓް

ރަނާސް މެރަތަންގެ އިންތިޒާމުތައް ސުމެއް، މުޅި އައްޑުއަށް ހުތުރެއް!

- ފަހުވަގުތު ނަސީރު ވަނީ "ފިލާފައި": އޮފިޝަލުން
- ޓީޝާޓު ގަންނަން މީހުން ދެއްކި ފައިސާ އަނބުރާ ނުދޭ.
- ވިސާ ހަމަނުޖެހިގެން ބައެއް ދުވުންތެރިން ޖެހުނީ އެނބުރި ޤައުމަށް ދާން
- އިންޓަނޭޝަނަލް މެރަތަން އަކަށް ވިޔަސް، ޓައިމް ކީޕަރުންނެއް ނެތް.

އެންމެ ފުރަތަމަ ފަށައިގަތީ އީކުއޭޓާ އިންޓަނޭޝަނަލް މެރަތަންގެ ނަމުގައެވެ. ވަކި ހިސާބަކުން އެ ނަމަށް "އައްޑޫ" އިތުރުވިއެވެ. ދެން ކިޔަން ފެށީ "އީކުއޭޓާރ އިންޓަނޭޝަނަލް މެރަތަން އިން އައްޑޫ" އެވެ. އެހެން ނަމަވެސް ދުވަސްކޮޅަކަށް ފަހު އެ ނަމުން "އިންޓަނޭޝަނަލް" ގެއްލުނެވެ.

މިއީ ރާއްޖޭގެ ކާމިޔާބު ދުވުންތެރިންގެ ތެރޭގައި ހިމެނުނު ނަސީރު އިސްމާއީލްގެ "ރަނާސް މޯލްޑިވްސް"ގެ ފަރާތުން އައްޑޫގައި މިއަދު ބޭއްވި މެރަތަންގެ ނަން ބަދަލުވަމުން އައި ގޮތެވެ.

މި މެރަތަން އެންމެ ފުރަތަމަ ބާއްވާން ނިންމީ 2017 ވަނަ އަހަރުގެ ނޮވެމްބަރު 24 ގައެވެ. އޭގެ ފަހުން ޑިސެމްބަރު 8 ވަނަ ދުވަހަށް މެރަތަން ފަސްކުރިއެވެ. އެހިސާބުން ވެސް ދެން ފެނުނީ ތިން ވަނަ ފަހަރަށް މެރަތަން ފަސްކުރި މަންޒަރެވެ.

ތިން ފަހަރަށް ފަސްކުރުމަށް ފަހު "އިންޓަނޭޝަނަލް" ބޯޑު އަޅުވައިގެން އައްޑޫގައި ރަނާސް މޯލްޑިވްސް އިން ބޭއްވި މެރަތަން އެތައް ބަޔަކު ސިފަކުރަނީ އައްޑޫއަށް ލިބުނު ހުތުރެއްގެ ގޮތުުގައެވެ. މެރަތަންގެ އިންތިޒާމުތައް ދޯހަޅިކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މެރަތަން އަށް ރަޖިސްޓާރ ކުރި މީހުންގެ ނަން ލިސްޓުގައި ނެތް

އިންޓަނޭޝަނަލް މެރަތަން އެއް ކަމަށް ބުނެ އިއުލާން ކުރި މެރަތަންގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ދުވުންތެރިން ވަނީ އައިސްފައެވެ. އެގޮތުން ރާއްޖޭގައި ބާއްވާ މެރަތަންތަކުގައި ބައިވެރިވާ ގިނަ ދުވުންތެރިން އައެވެ. އޮފީހުން ޗުއްޓީ ނަގައިގެން އައި ގިނަ ބަޔަކު އޭގެ ތެރޭގައި ހިމެނެއެވެ.

އެހެން ނަމަވެސް މެރަތަންގައި ދުވުމަށް ޓީޝާޓާއި ބިބް ހޯދަން ދިއުމުން ލިބުނީ ޝޮކެކެވެ. މީގެ 3 މަސް ދުވަސް ކުރިން މެރަތަންގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރި ނަމަވެސް ފަހުވަގުތު އެނގުނީ އެމީހުންގެ ނަން ލިސްޓުގައި ނެތް ކަމެވެ.

މެރަތަންގައި ބައިވެރިވުމަށް މާލެއިން އައްޑޫއަށް އައި ދުވުންތެރިޔަކު 'އައްޑޫލައިވް' އާއި ވާހަކަ ދެއްކި ބުނިގޮތުގައި އެމީހުން މެެރަތަންގައި ބައިވެރިވުމަށް ގިނަ އިންތިޒާމުތަކެއް ހަމަޖައްސައިގެން އައްޑޫ އަށް އައީ ފޮނި އުންމީދުތަކާއި އެކުގައި ކަމަށެވެ.

އެހެން ނަމަވެސް މެރަތަން ގައި ދުވަން ތައްޔާރުވެެގެން ދިއުމުން އެނގުނީ ލިސްޓުގައި ނަން ނެތްކަން ކަމަށެވެ.

"ޓީޝާޓާއި ބިބް ބަލާ ދިޔައީމާ މިބުނަނީ ނެތޯ ލިސްޓްގައި ނަމެއް. އެކަމާއި ޖަވާބުދާރީ ވާނެ މީހެއް ނެތް. ނަސީރަށް އެތައް ފަހަރަކު ގުޅިން އޭނާ ފޯނެއް ނުނެގި" މެރަތަންގައި ބައިވެރިވި މީހަކު ބުންޏެވެ.

އައްޑޫން ބޭރުން އައި އެހެން ދުވުންތެރިއެއްގެ ޝަކުވާ އަކީ ވެސް ނަސީރު އިސްމާއީލް ފޯނަށ ޖަވާބު ނުދިނުމެވެ. އޭނާ ބުނާ ގޮތުގައި ފޯނަށް ގުޅުމުން "ފޯނު ނެގީ އަންހެނެއް ކަމަށާއި، އެއީ ނަސީރުގެ މަންމަ ކަމަށް ބުނެ ނަސީރު ފޯނު ބާއްވާފައި އައްޑޫއަށް ގޮސްފައިވާ" ކަމަށް ބުނި ކަމަށެވެ.

" އެތައް ފަހަރަކު ގުޅައިގެން ފޯނު ނެގީ ނެގިއިރު އަންހެނަކު މިނެގީވެސް. ނަސީރު ކޮބައިހޭ އެހީމައި ބުނެފި. އޭނަ ވީ އައްޑޫގައޭ، ފޯނު ބާއްވާފައޭ ދިޔައީ. މިހިރީ ފެންވަރު." އޭނާ ބުންޏެވެ.

"ކުޑަކުދިންގެ ދުވުން، ސޭފްޓީ އެއް ނެތި"

އައްޑޫގައި މިފަހަކަށް އައިސް ބޭއްވި މެރަތަން ތަކާއި ދުވުންތަކުގެ ތެރެއިން ކުޑަކުދިންނަށް ޚާއްސަ އިވެންޓްތަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބެއެވެ. ރަނާސް މޯލްޑިވްސްގެ ފަރާތުން ބޭއްވި މެރަތަންގައި ވެސް ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވިއެވެ.

މަރުގެ މަގެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ އައްޑޫ ލިންކް ރޯޑުގައި އެކުދިން ދުވަން ޖެހުނު އިރު، ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރެވިފައެއް ނުވެއެވެ. މެރަތަންގެ ސަލާމަތީ ކަންތައް ބެލެހެއްޓުމުގައި ފުލުހުން އެހީތެރިކަން ފޯރުކޮށްދޭން ތިއްބަސް ފަހު ވަގުތު ރޫޓް ބަދަލުކޮށްލުމުން ކުޑަކުދިން ދުވަން ޖެހުނީ ދުއްވާ އެއްޗިހި ބާރު ސްޕީޑްގައި ދުއްވަމުން ދިޔަ މަގެއްގައެވެ.

"ބިބް ނަންބަރުގެ ގޮތުގައި ކަރުދާސް ގަނޑެއް، ޓީޝާޓަށް އިތުރު ފައިސާ"

މެރަތަން ތަކާއި ދުވުންތައް ބާއްވާއިރު ރަޖިސްޓްރޭޝަންގެ ފީ ދައްކާލުމުން، ޓީޝާޓާއި ބިބް ނަންބަރު ހޯދަން އިތުރު ފައިސާއެއް ދައްކާކަށް ނުޖެހެއެވެ. ރަނާސް މޯލްޑިވްސް އިން ވެސް ރަޖިސްޓްރީ ކުރި ފަރާތްތަކަށް އަންގާފައި އޮތީ މިފަދައިންނެވެ.

އެހެން ނަމަވެސް މެރަތަން ފެށެން ކައިރިވެ ބިބް ނަންބަރާއި ޓީޝާޓު ބަލައި ދިއުމުން އެނގުނީ، ދުވަން ޖެހެނީ އަމިއްލަ ޓީޝާޓެއްގައި ކަމެވެ. ބިބް ނަންބަރުގެ ގޮތުގައި ލިބުނީ ކަރުދާސް ގަނޑަކަށް ޕްރިންޓްކޮށްފައި އޮތް ނަންބަރެކެވެ.

ޓީޝާޓް ހޯދަން ބޭނުން ނަމަ ފައިސާ ދައްކަން ޖެހޭނެ ކަން އެންގި އިރު، ބައެއް މީހުން ފައިސާ ވެސް ދެއްކިއެވެ. ދެން ލިބުނީ އަދި ވަކިން ހެއްވާ ޖަވާބެކެވެ. ޓީޝާޓް ލިބޭނީ މެރަތަން ނިމުމަށް ފަހު ކަމަށް ރަނާސް މޯލްޑިވްސް އިން އެންގިއެވެ.

މެރަތަން ނިމުމަށްފަހު ޓީޝާޓާއި ބެހޭގޮތުން ސުވާލުކުރުމުން ފައިސާ ނެގިކަން ނަސީރު އިސްމާއިލް އަށް އެނގޭ ކަމަކަށް ވެސް ނެހެދި ކަމަށް ސޯޝާލް މީޑިޔާގައި ގިނަ ބަޔަކު ވަނީ ބުނެފައެވެ.

"ވިސާ ހަމަނުޖެހިގެން ބައެއް ދުވުންތެރިން ޖެހުނީ އެނބުރި ޤައުމަށް ދާން"

 

އިންޓަނޭޝަނަލް މެރަތަންގެ ނަމުގައި ކުރިއަށް ގެންދިޔަ މި މެރަތަންގައި ބައިވެރިވުމަށް ރާއްޖެއިން ބޭރުން އައި ބައެއް ދުވުންތެރިންނަށް ޖެހުނީ ގަން އެއާޕޯޓަށް ފޭބުމަށް ފަހު ކުރުކޮށްލާށެވެ. އެމީހުންގެ ވިސާ ކަންތަކުގައި އެހީތެރިވެދޭނެ ކަމުގެ ޔަގީންކަން ރަނާސް މޯލްޑިވިސްގެ ފަރާތުން ދިން ނަމަވެސް ފަހުވަގުތު އެ އެހީތެރިކަން ނުލިބުމުން ވިސާ ކަންތައް ފުރިހަމަ ނުވެ އެމީހުން ޖެހުނީ އެނބުރި ޤައުމަށް ދާށެވެ.

"ފައިސާގެ ބޮޑެތި މައްސަލަތަކެއް، ޕޮލިހަށް ވެސް މައްސަލަ ޖައްސާފައި"

ރަނާސް މޯލްޑިވްސްގެ ފަރާތުން އިއްޔެ އައްޑޫގައި ބޭއްވި މެރަތަން އާއި ގުޅޭގޮތުން ފައިސާގެ ގިނަ މައްސަލަތަކެއް އެތައް ބަޔަކު ވަނީ ޖައްސާފައެވެ. އެގޮތުން މެރަތަންގައި ބައިވެރިވުމަށް ފައިސާ ދެއްކުމަށް ފަހު ރީފަންޑަށް އެދުމުން އެ ފައިސާ ނުލިބުމާއި، ޓީޝާޓް ދޭނެ ކަމަށް ބުނެ އިތުރަށް ނެގި ފައިސާ ހޯދަން ދިއުމުން އެ ފައިސާ ނުލިބުނު މައްސަލަ ގިނަ ބަޔަކު ވަނީ ޖައްސާފައެވެ.

މީގެ އިތުރުން'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހިތަދޫ ގެސްޓް ހައުސް އަކަށް ނަސީރު އިސްމާއީލް ފައިސާ ނުދައްކައިގެން އެ ގެސްޓް ހައުސް އިން ވީ މައްސަލަ ޕޮލިހަށް ހުށަހަޅާފައެވެ.

ފަހުވަގުތު ނަސީރު "ފިލައިފި"، ފޯނަށް ޖަވާބެއް ނުދޭ

މެރަތަންގެ އިންތިޒާމްތައް ދޯހަޅިވެ ގިނަ ބައެއްގެ ޝަކުވާތައް އޮހެމުން ދިޔައިރު އެ ޝަކުވާތައް މެރަތަން އިންތިޒާމު ކުރި ރަނާސް މޯލްޑިވްސްގެ ރައީސް ނަސީރު އިސްމާއީލް އާއި ހަމައަށް ގެންދެވޭ ގޮތެއް ނުވިއެވެ.

މެރަތަންގެ ބައެއް އޮފިޝަލުން އެ ޝަކުވާތައް އަޑުއެހުމުގެ ބަދަލުގައި ރައްދު ދިނީ ރުޅިވެރިކަމާއި އެކުގައެވެ. އެމީހުން ބުނާ ގޮތުގައި ފަހުވަގުތު ނަސީރު އިސްމާއިލް "ފިލީ" އެވެ.

"ހުރިހާ ކަމެއް އޮފިޝަލުން ބޮލަށް ޖަހާފައި ފިލައިފި. ހުރިހާ ހަޑިއެއް ހުތުރެއް މި ލިބެނީ އަހަރުމެންނަށް. މިކަމުގައި ބައިވެރިވީ އައްޑޫގައި ކުރާ ކަމަށް ވާތީ އެހީތެރިވާން" ވޮލަންޓިއަރ ކޮށް މެރަތަންގެ ކަންތަކުގައި ހަރަކާތެރިވި އޮފިޝަލަކު ބުންޏެވެ.

"ބައެއް ދުވުންތެރިން މެރަތަން ބޮއިކޮޓް ކުރި، ބައިވެރިވީ މަދު ބައެއް"

 

މެރަތަންގައި ބައިވެރިވުމަށް 1500 އެއްހާ މީހުން ރަޖިސްޓްރީ ކުރިކަމަށް ރަނާސް މޯލްޑިވްސް އިން ބުންޏަސް މެރަތަންގައި އިއްޔެ ދުވި މީހުން އަދަދު (ކުޑަކުދިންގެ އިވެންޓްގެ ބައިވެރިން ހިމަނައިގެން) 500 އަށް ވުރެ މަދުވާނެ ކަމަށް ބެލެވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި 'އައިރަނާސް" ގެ ދުވުންތެރިން ވެސް ވަނީ އިންތިޒާމުތައް ދޯހަޅިވުމުން މެރަތަންގައި ބައިވެރި ނުވާން ނިންމާފައެވެ.

" އިންޓަނޭޝަނަލް މެރަތަން އޭ ކިޔާއިރު، ޓައިމް ކީޕާސް އެއް ނެތް މިތާކު. ދުވާ ރޫޓް ސާފެއް ނޫން. ސޭފްޓީ ކަށަވަރުކޮށްދީފައެއް ނެތް." އިންތިޒާމުތައް ދޯހަޅިވުމުން އިއްޔެގެ މެރަތަންގައި ބައިވެރި ނުވި ދުވުންތެރިޔަކު ބުންޏެވެ.

މެރަތަންގެ ކަންތައް ދިޔަ ގޮތާއި ބެހޭގޮތުން މައުލޫމާތު އޮޅުން ފިލުވުމަށް 'އައްޑޫލައިވް'ގެ ފަރާތުން ރަނާސް މޯލްޑިވްސް އާއި ނަސީރު ސްޕޯޓްސް އެކަޑަމީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބު ނުވެފައެވެ. އެގޮތުން ރަނާސް މޯލްޑިވސްގެ ރައީސް ނަސީރު އިސްމާއިލަށް ތަކުރާރުކޮށް ގުޅި ނަމަވެސް ފޯނަށް ޖަވާބު ނުދޭތީ މިކަމާއި ބެހޭގޮތުން އޭނާގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.