Last Updated: May 5, 17:33
Sunday, May 5, 2024
ޚަބަރު

ރަނާސް މޯލްޑިވްސްގެ ފައިސާގެ މައްސަލައެއް އެބައުޅޭ: އަބްހަރީ

"އީކްއޭޓަ އައްޑޫ ސިޓީ އިންޓަނެޝަނަލް މެރަތަން 2018" ގެ ނަމުގައި ރަނާސް މޯލްޑިވްސް އިން އިއްޔެ އައްޑޫގައި ބޭއްވި މެރަތަންގައި ބައިވެރިވާން އައި ބައެއް މީހުން ހިތަދޫ އަބްހަރީ ގްރޭންޑް ގެސްޓްހައުސް އަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ މައްސަލައެެއް ފެންމަތިވެއްޖެ އެވެ.

އެކަން އެ ގެސްޓް ހައުސް އިން ވެސް ވަނީ މިއަދު "އައްޑޫލައިވް" އަށް ކަށަވަރުކޮށް ދީފަ އެވެ.

"އެކަހަލަ މައްސަލައެއް އެބަ އުޅޭ. އަޅުގަނޑުމެން މި އަންނަނީ އެކަމާ ގުޅޭ ގޮތުން ކުރަން ޖެހޭ ކަންކަން ކުރަމުން،" އަބްހަރީ ގްރޭންޑްގެ އޮފިޝަލަކު ވިދާޅުވި އެވެ. "ނަމަވެސް މި ވަގުތު މީޑިއާއަކަށް އިތުރު ތަފުސީލެއް ދެވޭކަށް ނެތް."

އެނގިފައިވާ ގޮތުގައި ރަނާޒް މޯލްޑިވްސް އިން ޒިންމާވާން ޖެހޭ ގޮތަށް އަބްހަރީ ގްރޭންޑަށް ދައްކަން ޖެހޭ ފައިސާގެ އަދަދު 20،000 އާ ގާތް ކުރެ އެވެ.

"އައްޑޫލައިވް"އަށް އެނގިފައިވާ ގޮތުގައި އަބްހަރީ ގްރޭޑުން ވަނީ މައްސަލަ ހިތަދޫ ޕޮލިހަށް ހުށަހަޅާފައެވެ.

އިންޓަނެޝަނަލް މެރަތަންގެ ނަން ބޯޑް އަޅުވައިގެން ރާއްޖޭގެ ކުރީގެ މަޝްހޫރު ދުވުންތެރިޔާ ނަސީރު އިސްމާއީލް އިސްކޮށް ހުރެގެން އިންތިޒާމް ކުރި މެރަތަންގެ އިންތިޒާމްތައް ދޯހަޅިވެގެން އޭގައި ބައިވެރިވި ވަރަށް ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އަދި މިކަންތައްތަކާ ގުޅިގެން ނަސީރު "ފިލާފައިވާ" ކަމަށް ވަރަށް ގިނަ ބަޔަކު ސިފަކޮށްފައިވެ އެވެ.

މީގެ ކުރިން އައްޑޫގައި ބޭއްވި ބޮޑު ފުޓްބޯޅަ މުބާރާތެއްގައި ބައިވެރިވި ރާއްޖެ މަޝްހޫރު ޓީމަކުން ވެސް ކެއުމާއި އެކަމޮޑޭޝަނަށް ދޭން ޖެހޭ ފައިސާ ނުދީގެން މައްސަލަ ޝަރީއަތާ ހަމައަށް ގެންގޮސްފައިވެ އެވެ.