Last Updated: June 11, 06:42
Thursday, June 11, 2026
ވިޔަފާރި

އީސީސީ އަނެއްކާވެސް ބީލަމަށް

ސަތާރަ ވަނަ ސާކް ސަމިޓަށް ބާއްވަން އައްޑޫގައި ހެދި އިކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ހިންގާ ސަރަހައްދު ތަރައްގީ ކުރާނެ ފަރާތެއް ހޯދުމަށް އަނެއްކާ ވެސް ބީލަމަށް ހުޅުވާލައިފި އެވެ.

މީގެ ކުރިން އައްޑޫ ސިޓީ ކައުންސިލުން އީސީސީ އާ އެކު އެތަން ހިމެނޭ ސަރަހައްދުގައި މަދުވެގެން 100 ކޮޓަރީގެ ސިޓީ ހޮޓަލެއް ހިންގާނެ ބަޔަކު ހޯދުމަށް އިއުލާން ކުރި އެވެ.

އީސީސީ ސަރަހައްދު ތަރައްގީ ކުރަން ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް މި މަހުގެ 2 ވަނަ ދުވަހު އިއުލާންކޮށްފައި ވަނީ އިކޮނޮމިކް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެންނެވެ.
އެ ގޮތުން އެ ސަރަހައްދު ތަރައްގީ ކުރަން ހަވާލުކުރާނީ އެ ސަރަހައްދުގައި ހޮޓަލެއް ހިންގުމަށް، ނޫނީ ތައުލީމީ ހިދުމަތް ދޭ ތަނެއް ހިންގުމަށް ނުވަތަ ސިއްހީ ހިދުމަތް ދޭ ތަނެއް ހިންގުމަށް ޝައުގުވެރިވާ އެންމެ ރަނގަޅު ފަރާތަކަށް މިނިސްޓްރީން ބުނެފައިވެ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ އަމީން މިއަދު "ހަވީރު އޮންލައިން" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ އީސީސީ ސަރަހައްދު ތަރައްގީ ކުރަން އަނެއްކާ ވެސް ހުޅުވާލަނީ އެތަނަކީ ދައުލަތުން ވަރަށް ގިނަ ހަރަދުތަކެއް ކުރެވިގެން ހަދާފައިވާ ތަނަކަށް ވާތީ އެތަން ވީރާނާވެގެން ދިޔުމުގެ ބަދަލުގައި ރަނގަޅު ފައިދާއެއް ދައުލަތަށާއި އައްޑޫގެ ރައްޔިތުންނަށް ހޯދައި ދިނުމަށް ކަމަށެވެ.

އީސީސީ ތަރައްގީ ކުރަން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރޭގައި ހުންނަން ޖެހޭ ޝަރުތުތައް ކަމަށް އިއުލާނުގައި ބުނެފައި ވަނީ އެފަދަ ޕްރޮޖެކްޓެއް ހިންގުމުގެ ތަޖުރިބާ އާއި ފަންނީ އަދި މާލީ ގާބިލްކަން ހުރި ކުންފުންޏަކަށް ވުމެވެ.
އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހަޅާ އިރު އެކަން އަންގައިދޭ ލިޔެކިޔުންތައް ހުށަހެޅުމަށް ވަނީ އިއުލާނު ގައި އެދިފަ އެވެ. އީއޯއައި ހުށަހަޅަން ޖެހެނީ މި މަހުގެ 30 ގެ ނިޔަލަށެވެ.

އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދު ވިދާޅުވީ އީއޯއައި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށަހަޅާ ފަރާތަކަށް އީސީސީ ހަވާލު ކުރާނީ 50 އަހަރުގެ މުއްދަތަކަށް ކަމަށެވެ.
އަދި އެކަން ކުރިއަށް ގެންދާނީ ރަނގަޅަށް އިވެލުއޭޓް ކުރެވިގެން ވާދަވެރި ބީލަމެއްގެ ތެރެއިން ކަމަށް ވެސް މިނިސްޓަރު "ހަވީރު އޮންލައިން" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.