Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

ޑީޖޭއޭގެ ހަސަން އަށް ރިޝްވަތުގެ ތުހުމަތު

ހަސަން ސައީދު. ފޮޓޯ: ސަން

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އެޑްމިނިސްޓްރޭޓަރު، ހަސަން ސައީދު ހުސެއިންގެ މައްޗަށް ރިޝްވަތުގެ ތުހުމަތުކޮށްފިއެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަސަން ސައީދު މާލޭގައި އިމާރާތް ކޮށްފައިވާ ކޮމާޝަލް ހައުސިން އެޕާޓްމެންޓް ޕްރޮޖެކްޓެއްގެ ދަށުން އިމާރާތް ކޮށްފައިވާ ފްލެޓްތަކުން ފްލެޓެއް ގަތުމަށް ދާދި ފަހުން ކޮށްފައިވާ މުއާމަލާތެއްގެ ކިތާބީ ހެކި ހިމެނޭ ގޮތަށް ރިޝްވަތުގެ މުއާމަލާތްތަކެއްގައި ބައިވެރިވެފައިވާ ކަމުގެ ކިތާބީ ހެކި ލިބިފައިވާ ކަމަށެވެ.

އަދި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު އަލީ ހަމީދުގެ އާއިލާގެ ދެ ބޭފުޅަކު ވެސް މި ދެންނެވި ހައުސިން ޕްރޮޖެކްޓުން އިމާރާތް ކޮށްފައިވާ ފްލެޓްތަކުން ފްލެޓް ބައްލަވައިގަތުމަށްޓަކައި މުއާމަލާތްތަކެއް ކުރެއްވި ކިތާބީ ހެކި ވެސް ލިބިފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

ފުލުހުން ދަނީ މިހާރު ޑީޖޭއޭގެ އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ހައްޔަރުކުރުމަށް އޭނާ ހޯދަމުންނެވެ. ފުލުހުން ރޭގެ ވަގުތެއްގައި ކޯޓު އަމުރެއް ނެތި އޭނާގެ ގެއަށް، ގަވާއިދާއި ޚިލާފަށް ވަދެގަނެފައި ކަމަށް މީޑިޔާގައި ޚަބަރު ފެތުރެމުން އެބަދެއެވެ.