މިއަދުގެ ވަގުތެއްގައި ސުޕްރީމް ކޯޓުން ރައީސުލް ޖުމުހޫރިއްޔާ އަބްދުﷲ ޔާމީން މަގާމުން ދުރުކުރުމަށް މަސައްކަތް ކުރަމުންދާ ޚަބަރު ލިބިފައިވާ ކަމަށާއި އެކަމަކީ ގާނޫނު އަސާސީއާ އެއް ގޮތުން ސުޕްރީމް ކޯޓަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ބަންޑާރަ ނައިބު އަނިލް ވިދާޅުވެއްޖެއެވެ.
ނަމަވެސް ސުޕްރީމް ކޯޓުން އެގޮތަށް އަމަލު ކުރިޔަސް، އެއީ ސައްހަ ކަމެއް ނޫން ކަމަށް މިހާރު ސަލާމަތީ ބާރުތަކަށް އަންގާފައިވާ ކަމަށް އަނިލް ވިދާޅުވިއެވެ.
އަނިލް އާއި މޭޖާ ޖެނެރަލް ޝިޔާމް އަދި ޕޮލިސް ސީޕީ ނަވާޒް ދެއްވާ ޕްރެސް ބްރީފިންއެއްގައި ވާހަކަ ދައްކަވަމުން އަނިލް އިތުރަށް ވިދާޅުވެފައިވަނީ ދައުލަތުގެ ކޮންމެ ބާރެއްވެސް ހިނގާނީ ގާނޫނާއި އެއް ގޮތަށް ކަމަށާއި ރައީސް މަގާމުން ވަކިކުރެވޭނެ ބާރެއް ސުޕްރީމް ކޯޓު އަތުގައި ނެތް ކަމަށެވެ.
ނަމަވެސް ސުޕްރީމް ކޯޓުން އިދިކޮޅު 9 ލީޑަރަކު މިނިވަން ކުރުމަށް ބުރާސްފަތި ދުވަހު ދައުލަތުގެ ކަމާ ބެހޭ އެންމެހާ މުއައްސަސާއަކަށް އަމުރުކޮށްފައި ވި ނަމަވެސް އަދިވެސް ސަރުކާރުން ދަނީ ގާނޫނާއި ޚިލާފަށް ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ދެކޮޅު ހަދަމުންނެވެ.