އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލާއި އެވަޓަން ބައްދަލުކުރި މެޗު ފަސޭހަކަމާއެކު 1-5 އިން އާސެނަލް ކާމިޔާބުކޮށްފިއެވެ.
ބޮރޫޝިޔާ ޑޯޓްމަންޑުން އާސެނަލާ އަލަށް ގުޅުނު އޯބަމަޔަންގެ ފުރަތަމަ މެޗު އަދި މެންޗެސްޓާ ޔުނައިޓެޑުން އާސެނަލްއަށް ބަދަލުވި މިޚިތަރިޔަން އާސެނަލް ދަނޑުގައި ކުޅުނު ފުރަތަމަ މެޗުގައި ދެކުޅުންތެރިންގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ. އެގޮތުން އޯބަމަޔަންގުގެ ގޯލެއް ފެނިގެން ގޮސްފައިވާއިރު މިޚިތަރިޔާންގެ ތިން އެސިސްޓު ރޭގައި ވަނީ ފެނިގެން ގޮސްފައެވެ.
މެޗުގެ ފުރަތަމަ ގޯލު 6 ވަނަ މިނެޓު ރަމްސޭ ޖަހާފައިވަނީ މިޚިތަރިޔާން ދިން ބޯޅައަކުންނެވެ. ދެވަނަ ގޯލު 14 ވަނަ މިނެޓުގައި ކޮސިއެލްނީ ބޮލުން ކާމިޔާބުކޮށްފައިވާއިރު 19 ވަނަ މިނެޓުގައި އާސެނަލްގެ ތިން ވަނަ ލަނޑުވެސް ޖަހާފައިވަނީ އެރޮން ރަމްސޭއެވެ. އަދި ހަތަރު ވަނަ ލަނޑު 37 ވަނަ މިނެޓުގައި ޖަހާފައިވަނީ އާ ފޯވާޑް އޯބަމަޔަންގްއެވެ.
ދެވަނަ ހާފުގައި އެވަޓަންގެ ހަމައެކަނި ލަނޑު ފެނިގެން ގޮސްފައިވާއިރު އެލަނޑު ޖަހާފައިވަނީ 64 ވަނަ މިނެޓުގައި ކަލްވާޓް ލެވިންއެވެ. ނަމަވެސް 74 ވަނަ މިނެޓުގައި ރަމްސޭ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށް އާސެނަލްގެ ފަސްވަނަ ލަނޑުވެސް ކާމިޔާބުކޮށްފައެވެ.