ރައީސުލް ޖުމުހޫރިއްޔާ އަޒުލުކުރަނީއޭ ކިޔާފައި ދައުލަތުގެ ބަންޑާރަ ނައިބު ޓީވީއަށް އަރައި ކުރާހާވެސް ކަމަކީ ސުޕްރީމް ކޯޓުން ކުރި އަމުރު ތަންފީޒުކުރުން ލަސްކުރުން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
މަހްލޫފް މިއަދު ކުރެއްވި ޓުވީޓެއްގައި އަލި އަޅުވާލާފައިވަނީ މިއަދު ހެނދުނު ބަންޑާރަ ނައިބު އަނިލް، މޭޖާ ޖެނެރަލް ޝިޔާމް އަދި ޑީސީޕީ ނަވާޒް ދެއްވި ޕްރެސް ބްރީފިންގައި ސުޕްރީމް ކޯޓުން މިއަދު ރައީސް އަޒުލުކުރުމަށް މަސައްކަތް ކުރާ ކަމަށް ބުނި ވާހަކައަށެވެ.
އަނިލް ވަނީ އެއީ ސުޕްރީމް ކޯޓަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެ އަމުރަށް ތަބާ ނުވުމަށް ސަލާމަތީ ބާރުތަކަށް އަންގާފައިވާ ކަމަށް ބުނެފައެވެ. އަދި ދައުލަތުގެ ހުރިހާ ގޮތްޕަކުންވެސް އަމަލު ކުރަން ޖެހޭނީ ގާނޫނާއި އެއް ގޮތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެން ނަމަވެސް ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރުކޮށްފައިވާ 9 ސިޔާސީ ލީޑަރަކު މިނިވަން ކުރުމަށް ދައުލަތުގެ ކަމާ ބެހޭ ހުރިހާ މުއައްސަސާއަކަށް އަމުރުކޮށްފައިވި ނަމަވެސް ސަރުކާރުން ވަނީ އަމުރު ތަންފީޒު ކުރުމަށް ދެކޮޅު ހަދާފައެވެ.