Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

އަމުރަށް ކިޔަމަން ނުވާނެ ކަމަށް ބުނެފިނަމަ ވަކީލެއްގެ ޝަރުތު ގެއްލޭނެ: ސުއޫދު

ކުރީގެ ބަންޑާރަ ނައިބް އަދި މަޝްހޫރު ގާނޫނީ ވަކީލް ހުސްނުއް ސުއޫދު، ފޮޓޯ: އަވަސް

ސުޕްރީމް ކޯޓުން ކުރާ އަމުރަކަށް ތަބައަ ނުވާނެ ކަމަށް ދައުލަތުގެ ބަންޑާރަ ނައިބު ބުނުމުން ފިޔަވަޅު އަޅަން ޖެހޭ ކަމަށް މަޝްހޫރު ގާނޫނީ ވަކީލު، ހުސްނުއް ސުއޫދު ވިދާޅުވެއްޖެއެވެ.

ސުއޫދު މިއަދު ދެއްވި ޕްރެސް ކޮންފަރެންސެއްގައި ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުގެ އަމުރަށް ކިޔަމަން ނުވާނެ ކަމަށް ބަންޑާރަ ނައިބު ބުނެފިނަމަ ވަކީލެއްގެ ޝަރުތު އުނިވެގެން ދާނެ ކަމަށެވެ. އަދި އެއީ ކުށެއް ކަމަށާއި ވަކީލެއްގެ ގޮތުގައި ހުރެ ބުނެވޭނެ ބަހެއް ނޫން ކަމަށް ސުއޫދު އިތުރުކޮށްފައިވެއެވެ.

"ކޯޓެއްގެ އަމުރަށް ތަބާ ނުވާނަމޭ ގާނޫނީ ވަކީލަކު އަދި ދައުލަތުގެ ބަންޑާރަ ނައިބު ބުނެފި ނަމަ އޭނާ އެހެރީ ސަސްޕެނޑު ކުރާ ހިސާބުގައި. ކޯޓުގެ ހުރުމަތް ކަނޑާލުމުގެ އަމަލެއް އެއީ." ސުއޫދު ވިދާޅުވެފައިވެއެވެ.

ދައުލަތުގެ ކަންބޮޑުވުންތަކެއް ހުރިކަމަށް ބުނެ ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުނުކޮށް، ސަރުކާރުން ފަސްކުރަމުންދާތީ ސުއޫދު ވިދާޅުވެފައިވަނީ ކަންބޮޑުވުންތަކެއް ހުއްޓަސް، ފުރަތަމަ ޖެހޭނީ އަމުރު ތަންފީޒު ކުރުމަށް ކަމަށެވެ. ކަންބޮޑުވުންތައް ހައްލުކުރުމަކީ އަމުރު ތަންފީޒު ކުރުމަށްފަހު ކުރަން ޖެހޭ ކަންތައްތައް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ސުއޫދު ވަނީ އަނިލްއާ އެއްފަދައިން ރައީސުލް ޖުމުހޫރިއްޔާގެ މަގާމުން ސުޕްރީމް ކޯޓަށް ދުރުނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. ރައީސުލްޖުމުހޫރިއްޔާ ގެ މަގާމުގައި ހުންނެވި ބޭފުޅަކު ދުރުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހަށް ކަމަށާއި އެއީވެސް މަޖިލީހުގައި ޝަރީއަތެއްކޮށް، ކުށް ސާބިތުވާ ނަމަ ކަމަށް ސުއޫދު ވިދާޅުވެފައިވެއެވެ.

ނަމަވެސް ރައީސުލް ޖުމުހޫރިއްޔާގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކެއް ގާނޫނު އަސާސީގައި ސާފުކޮށް ބަޔާންކޮށްފައި ވާ ކަމަށާއި އެއިން ޝަރުތެއް ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓަށް ހުކުމް ކުރުމުގެ ބާރު ލިބިފައިވާކަން ސުއޫދު ފާހަގަކުރިއެވެ.