ސްރީލަންކާގެ މިނިވަންދުވަހުގެ މުނާސަބަތުގައި، އެޤައުމުގެ ރައީސް މައިތްރިޕާލަ ސިރިސޭނައަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސް ފޮނުއްވި މެސެޖުގައި، ރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުން ބިނާވެފައި ވަނީ ތާރީޚާއި، ދެޤައުމުން ޤަބޫލުކުރާ އުސޫލުތަކާއި، ދެޤައުމުގެ ދެމެދުގައި އޮތް އިތުބާރުގެ މައްޗަށް ކަމަށް ވިދާޅުވި އެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައި ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވެ، ޘަޤާފީ ގޮތުން ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެފައިވާ ކަމުގައި އާއި ދަތި އުނދަގޫ ޙާލަތްތަކުގައާއި، އުފާވެރި ވަގުތުތަކުގައި ވެސް ގާތްއެކުވެރި އަވަށްޓެރި ޤައުމެއްގެ ޙައިސިއްޔަތުން ދިވެހިރާއްޖެއާ ސްރީލަންކާއަކީ އަބަދުވެސް އެކުގައި ސާބިތުވެ ތިބޭ ދެޤައުމު ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.
ރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގާތް ގުޅުން، ކުރިމަގުގައިވެސް އިތުރަށް ބަދަހިވެގެންދާނެ ކަމަށާއި، އިޤުޞާދީ ތަރައްޤީގެ ބައިވެރިންގެ ގޮތުގައި ދެޤައުމު އެކުގައި ސަރަޙައްދުގެ އަމާންކަން ދެމެހެއްޓުމާއެކު ސުލްޙައަށް މަސައްކަތް ކުރައްވާނެ ކަމުގައި ޔަޤީން ކުރައްވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ސްރީލަންކާގެ ރައީސަށް އިތުރު ކާމިޔާބީއަށް އެދިވަޑައިގެން ސްރީލަންކާގެ ރައްޔިތުންނަށް ފާގަތި، އުފާވެރި މުސްތަޤްބަލަކަށް އެދިވަޑައިގެންފައިވެއެވެ.