ތާއީދު އޮތްނަމަ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް މަޤާމުން އިސްތިއުފާ ދެއްވުމަށްފަހި އިންތިހާބަކަށް ވަޑައިގަތުމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ގޮވާލައްވައިފި އެވެ.
މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ސުއޫދު ވިދާޅުވީ ތާއީދު އޮތްނަމަ ރައީސް ޔާމީން އާއި ނައިބު ރައީސް އިސްތިއުވާދެއްވުމަށް ފަހު އިންތިހާބަކަށް ވަޑައިގަންނަވާށެވެ.
މީގެ އިތުރުން ސުއޫދު ވަނީ ރައީސް ޔާމީނަށް ޤާނޫނު އަސާސީގެ ތެރެއިން ލީޑާޝިޕް ދެއްކެވުމަށް ގޮވާލައްވާފައެވެ. އަދި ބަންޑާރަ ނައިބަކަށް ހުންނަވާ ބޭފުޅަކު ވާންޖެހޭނީ ޤާނޫނުގެ ވެރިކަން ނެހެއްޓޭވަރުގެ ބޭފުޅަކަށް ކަމަށް ވިދާޅުވެ ސުއޫދު ވަނީ ރައީސަށް ހެޔޮލަފާ ދެއްވުމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް އަށް ގޮވާލައްވާފަ އެވެ.
ސުއޫދު އިތުރަށް ވިދާޅުވީ ވަކީލުން އެއްޗެއް ބުނެގެން ސަސްޕެންޑް ކުރެވޭނަމަ ޕީޖީ އާއި އޭޖީގެ ވަކާލާތު ކުރުމުގެ ހުއްދަ ވެސް ސަސްޕެންޑް ކުރެވެން ޖެހޭނެ ކަމަށެވެ. އަދި ކޯޓް އަމުރަކަށް ނުކިޔަމަންތެރިވުމަކީ ކޯޓްގެ ހުރުމަތް ކަނޑާލުން ކަމުގައިވެސް ސުއޫދު ވަނީ ވިދާޅުވެފަ އެވެ.