Last Updated: June 27, 10:07
Saturday, June 27, 2026
ޚަބަރު

އަމުރު ތަންފީޒުކޮށް އަދީބާއި ނަޝީދު ހައްޔަރުކުރޭ: އުމަރު

ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގެ ރޭ ރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒްކޮށް ހުރިހާ ސިޔާސީ ލީޑަރުން މިނިވަން ކުރަންޖެހޭ ކަމަށާއި، އެއަށްފަހު ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަލުން ހައްޔަރު ކުރަން ޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު މިހެން ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓްގެ އަމުރާއި ގުޅޭގޮތުން ފުރަތަމަ ފަހަރަށް ކުރެއްވި ޓްވީޓެއްގަ އެވެ.

އުމަރު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓްގެ އަމުރު ތަންފީޒްކޮށް ހުރިހާ ސިޔާސީ ފަރާތްތައް ދޫކޮށްލަން ޖެހޭ ކަމަށެވެ. އެހެންނަމަވެސް ކުރީގެ ރައީސް ނަޝީދާއި ކުރީގެ ނައިބު ރައީސް އަދީބު ސަރުކާރުން އަލުން ހައްޔަރު ކުރަން ޖެހޭނެ ކަމަށެވެ. އުމަރު ވިދާޅުވީ އެ ދެ ބޭފުޅުންނަކީ ކޮރަޕްޝަނާއި މަޤާމުގެ ނުފޫޒު ނަހަމު ގޮތުގައި ބޭނުންކުރުމުގެ އިތުރުން ފަނޑިޔާރަކު ރަހީނުކޮށް ސުޕްރީމް ކޯޓްގައި ތަޅު އެޅުވުންފަދަ ކުށްތަކެއް ހާމަކަން ބޮޑު ގޮތެއްގައި ކުރެއްވި ފަރާތްތަކެއް ކަމަށެވެ.

މިހާރު ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެން އުޅުއްވާ އުމަރު ނަސީރަކީ އަބަދުވެސް ރައީސް ނަޝީދަށް ފާޑުކިޔާ އެމަނިކުފާނާއި ދެކޮޅަށް އުޅުއްވާ ބޭފުޅެކެވެ. އަދި އަދީބު ވެސް މަޤާމުން ވަކި ކުރިފަހުން އުމަރު ވަނީ އެކިފަހަރުގެ މަތިން އަދީބުގެ ޢަމަލުތައް ވެސް ކުށްވެރިކޮށް ފާޑުކިޔުއްވާފައެވެ.

ސުޕްރީމް ކޯޓްގެ އަމުރު ތަންފީޒް ކުރުމަށް މިހާތަނަށް ރާއްޖޭގެ އިތުރުން ބައިނަލްއަޤްވާމީ ފަރާތްތަކުން ވެސް ގޮވާލާފައިވާއިރު، ސަރުކާރުން މިހާތަނަށް އަދިވެސް އެ އަމުރު ތަންފީޒް ކުރުމުގެ އެއްވެސް މަސައްކަތެއް ކޮށްފައި ނުވެއެވެ.