Last Updated: June 28, 06:07
Sunday, June 28, 2026
ޚަބަރު

ކްރިމިނަލް ކޯޓުން ނާދިރާ ދޫކޮށްލައިފި

ނާދިރާ މިއަދު ކޯޓަށް ވައްދަނީ - ފޮޓޯ: ވީއެފްޕީ

ރޭ އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި ކުރީގެ ރައީސް މައުމޫންގެ ފެކްޝަންގެ ނައިބު ރައީސެއް ކަމަށްވާ އައިމިނަތު ނާދިރާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

އަންހެން ފުލުހެއްގެ މޭމަތީގައި ޖަހާ މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ނާދިރާ ކްރިމިނަލް ކޯޓުން ދޫކޮށްލާފައި ވަނީ އޭނާ ހައްޔަރު ކުރަންޖެހޭ ސަބަބެއް ނެތްކަމަށް ބުނެއެވެ.

އޭނާ ރޭ ހައްޔަރުކޮށްފައި ވަނީ ފުލުހަކަށް އަނިޔާކުރިކަމުގެ ތުހުމަތުގަ އެވެ. އެހެންނަމަވެސް ކްރިމިނަލް ކޯޓްގެ ގާޒީ ވަނީ ނާދިރާ ހައްޔަރު ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ނިންމަވާފަ އެވެ.

ނާދިރާގެ ބަންދުގެ މުއްދަތު ޖަހަން އޭނާ ކްރިމިނަލް ކޯޓަށް ގެންގޮސްފައި ވަނީ މިއަދު މެންދުރު 14:30 ހާއިރު ނަމަވެސް، އަޑުއެހުން ނުފެށި ވަރަށް ގިނައިރު ނާދިރާ ކޯޓްގައި ބޭންދި އެވެ. އެނގިފައިވާ ގޮތުގައި އަޑުއެހުން ނުފެށި އެހާ ލަސްވީ ގާޒީ ވަޑައިގަތުން ލަސްވެގެން ކަމަށެވެ.