Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

ހަސަން ހައްޔަރު ކުރަން ނެރުނު އަމުރު ބާތިލުކޮށްފި

ހަސަން ސައީދު. ފޮޓޯ: ސަން

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ހުސެއިން ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ސުޕްރީމް ކޯޓުން ބާތިލުކޮށްފިއެވެ.

ސުޕްރީމް ކޯޓުން ދަށު ކޯޓުގެ އަމުރު ބާތިލު ކުރަމުން ބުނެފައިވަނީ އެ އަމުރު ތަންފީޒު ކުރަމުން ދަނީ ގާނޫނީ އިޖުރާއަތުތަކާ ޚިލާފަށް ކަމަށެވެ. އަދި އެ އަމުރާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށާއި އެ އަމުރާ ގުޅޭ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅީއްސުރެ، އެ މައްސަލައާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އެނގޭނެ ގޮތަށް މައްސަލައިގެ ފައިލް މިރޭ ހަތެއްގެ ކުރިން ސުޕްރީމް ކޯޓާއި ހަވާލު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ހަސަން ހޯދަމުން ދިޔައީ ރިޝްވަތުގެ މައްސަލައެއްގައެވެ. ނަމަވެސް މިހާތަނަށްވެސް ފުލުހުންނަށް ހަސަން ހުރި ތަނެއް ހޯދިފައިނުވާ ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން ވަނީ ރޭ އޭނާގެ ގޭގެ ދޮރު ހަލާކުކޮށްލައި ވަދެގަނެ، އެ ގޭ ފާސްކޮށްފައެވެ. މީޑިޔާތަކުގައި އަޑު ފެތުރިފައިވާ ގޮތުގައި ފުލުހުން އެގެއަށް ވަދެފައިވަނީ ކޯޓު އަމުރަކާ ނުލައެވެ. ކޯޓު އަމުރެއް ނެތި މީހަކު ދިރިއުޅޭ ގެއެއް، ގޭގެ އަހުލުވެރިންގެ ހުއްދައާ ނުލާ ވަދެގަތުމަކީ ގާނޫނީ ގޮތުން ފުލުހުންނަށް ލިބިފައި އޮންނަ ބާރެއް ނޫންކަން ފާހަގަކޮށްލެވެއެވެ.