Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

އިނގިރޭސި ވިލާތުންވެސް ރާއްޖެއާ މެދު ސަމާލުވާން އަންގައިފި

ދިވެހި ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެ، މިގައުމަށް ދަތުރުކުރާ ރައްޔިތުންނާއި މިގައުމުގައި މިހާރު ތިބި އިނގިރޭސި ރައްޔިތުން ސަމާލުވެ ރައްކާތެރިވުމަށް އިނގިރޭސި ސަރުކާރުން އިލްތިމާސު ކޮށްފިއެވެ.

އިނގިރޭސި ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހި ރާއްޖޭގެ ވެރިރަށް މާލޭގައި ފެބުރުއަރީ ދެވަނަ ދުވަހުން ފެށިގެން މުޒާހަރާތަކާއި، ދައުލަތުގެ ސަލާމަތީ ބާރުތަކާއި ރައްޔިތުންނާއި ކުރިމަތިލުންތައް ގިނަ ވަމުން އަންނާތީ މާލޭގައި ތިބި ރައްޔިތުން ޚާއްސަ ސަމާލުކަމެއް ދީގެން އުޅެން އިލްތިމާސު ކުރާ ކަމަށެވެ.

ސިޔާސީ ހަރަކާތްތަކުގައި ބައިވެރިނުވެ އުޅުމަށް ރައްކާތެރިކަން ހޯދުމަށް އިލްތިމާސު ކޮށްފައިވާއިރު މިއީ ރާއްޖެއަށް ދަތުރުކުރުން އެހާ ރައްކާތެރި ދަނޑިވަޅެއް ނޫން ކަމަށްވެސް އިނގިރޭސި ފޮރިން މިނިސްޓްރީން ވަނީ އެގައުމުގެ ރައްޔިތުންނަށް އަންގާފައެވެ.

އިނގިރޭސިންގެ އިތުރުން ރާއްޖޭގެ ރިސޯޓުތަކަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޗައިނާ އިންވެސް ވަނީ ރާއްޖެއަށް ދަތުރުކުރާ ފަރާތްތަކުން ސަލާމަތީ ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކޮށްފައެވެ.