Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

މިތިބީ ސަރުކާރު ހިމާޔަތް ކުރުމުގައި ސާބިތުވެ: ސިފައިން

ދިވެހި ރާއްޖޭގެ ގާނޫނީ ސަރުކާރު ހިމާޔަތް ކުރުމުގައި ގާނޫނު އަސާސީން ސަލާމަތީ ބާރުތަކަށް ލާޒިމުކޮށްފައިވާ އެންމެހާ ކަންކަން ތަންފީޒުކުރުމުގައި ސާބިތުކަމާއެކު ސަލާމަތީ ބާރުތަކުން ދެމިތިބި ކަމަށް ގައުމީ ދިފާއީ ބާރުން ހާމަކޮށްފިއެވެ.

އެމްއެންޑީއެފުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ދިވެހި ރައްޔިތުންގެ ރައްކާތެރިކަމާއި ގާނޫނީ ސަރުކާރު ހިމާޔަތް ކުރުމުގައި ފަސް ޖެހުމެއް ނެތި ދެމި ތިބޭނެ ކަމަށެވެ. އަދި ގައުމުގެ އަމަން އަމާންކަމާ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ސަލާމަތީ ބާރުތަކުން ދެމިތިބޭނެ ކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ.

"ރާއްޖޭގެ ހަމަހިމޭންކަން ނަގާލުމަށް ބައެއް ފަރާތްތަކުން ވެރިރަށް މާލެއާއި ރާޢްޖޭގެ ބައެއް ރަށްތަކުގައި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރާ މެދު ނަފުރަތުކަން އުފައްދާ ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ފަތުރާ، ރާއްޖޭގެ މަސްލަހަތު ނަގާލުމަށް ފާޅުގައި ހިތްވަރުދީ އެއްވުންތައް ބާއްވައި އަދި ސޯޝަލް މީޑިޔާގައި ރާއްޖޭގެ އިޖުތިމާއީ ހަމަޖެހުުމަށް މުރޫ އަރާ، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ފާޅުގައި ނުރައްކާކުރުމަށް ހިންގަމުންދާ ތަފާރު ހަރަކާތްތައް ހުއްޓުވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އާއި މޯލްޑިވްސް ޕޮލިސް ސާވިން އިން މިދަނީ މަސައްކަތް ކުރަމުންނެވެ." އެމްއެންޑީއެފުން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.

މިއަދު ސަލާމަތީ ބާރުތަކުގެ އިސްވެރިން ވަނީ ފާޅުގައި ސުޕްރީމް ކޯޓުން ރައީސް ޔާމީން މަގާމުން ދުރުކުރުމަށް ކުރާ އަމުރަކަށް ތަބާ ނުވާނެ ކަމަށް ބުނެފައިވެއެވެ. އަދި ބަންޑާރަ ނައިބު އަރުވާ ލަފަޔަކާ އެއް ގޮތަށް އަމަލު ކުރާނެ ކަމަށް ބުނެފައިވާއިރު ގިނަ ބަޔެއްގެ ފާޑުކިޔުންތައް ވަނީ ސަލާމަތީ ބާރުތަކަށް މިވަގުތު އަމާޒު ވެފައެވެ.