ރައީސް އަބްދުﷲ ޔާމީނަކީ ރޭރެއްހެން ރޭރު ވާނެ ވެރިއެއް ނޫން ކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ ވިލިމާފަންނު ދާއިރާގެ މެމްބަރ އަހުމަދު ނިހާން ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
"ރުމާލު 2" ޖަގަހައިގައި ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ ރަނގަޅަށް ވަޒަން ލައްވާފައި ހުރި ބަޑިއަކުން އުންޑަ ޖެހިޔަސް އެ މަނިކުފާނު އިސްތިއުފާ ނުދެއްވާނެކަމަށެވެ.
ވަރަށް ޖޯޝުގައި ވާހަކަފުޅު ދައްކަވަމުން ނިހާން އިތުރަށް ވިދާޅުވީ ރައިސް ޔާމީން މަގާމުން ވަކިކުރުމަށް ދައުލަތުގެ ކޮންމެ އިދާރާއަކުން ނިންމިއަސް އެއީ ދައުލަތާއި ދެކޮޅަށް ހަނގުރާމަ އިއްލާން ކުރުންކަމަށެވެ. އަދި އެވަގުތުން ފެށިގެން ދިވެހި ސިފައިންނާއި ފުލުހުންނާއި އެކު ގައުމު ސަލާމަތް ކުރުމަށް "މޭ" އައްޑަނައަކަށް ހަދައި ނިކުންނަވާނެކަމަށެވެ.
ނިހާން ވިދާޅުވީ ރާއްޖޭގައި މިހާރު އޮތް ވެރިކަން ބަޣާވާތަކުން ވައްޓާނުލެވޭނެ ކަމަށާއި "ބިމާހަމަކޮށް، ޗިސްކޮށް މެއާ ހަމަކުރުމަށް ފަހު މި ފުރުސަތު އެއްވެސް ބަޔަކަށް ދޭން ލާހިކެއް ނޫން" ކަމަށެވެ.