ސްޕްރީމް ކޯޓުގެ ބާރު ކަނޑުވާލުމަށް ރައީސް ޔާމީނަށް ރައްޔިތުން ފުރުސަތު ނުދޭނެކަމަށް އައްޑޫ ހުޅުދޫ ދާއިރާގެ ކައުންސިލަރ އިބްރާހިމް ޝުކުރީ ވިދާޅުވެއްޖެއެވެ.
ދިވެހި އަސްކަރިއްޔާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ޝުކުރީ ވިދާޅުވީ ސްޕްރީމް ކޯޓުގެ އަމުރަކީ ޔާމީނަށް ތާއިދު އޮތް މިންވަރު ބަލަން ހުޅުވި ޕޯލްއެއް ނޫންކަމަށެވެ.
ސިޔާސީ ހައްޔަރީންގެ ގޮތުގައި ޖަލުގައި ތިއްބެވި 9 ބޭފުޅަކު މިނިވަން ކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ނުކޮށް ހަތަރު ދުވަސް ވެގެންދާއިރު ސަރުކާރުން ތުހުމަތު ކުރަނީ ފަނޑިޔާރުން ރިޝްވަތު ހިފާވައިވާ ކަމަށެވެ.
ކޯޓު އަމުރު ތަންފީޒު ނުކޮށް ސަރުކާރުން ލަސް ކުރަމުން އަންނަ އިރު ސިފައިންނާއި ފުލުހުން ވަނީ އެ ދެ މުވައްސަސާއިން އަމަލު ކުރާނީ ބަންޑާރަ ނައިބް އިންގާ ގޮތަށްކަމަށް ވަނީ އިއްލާންކޮށްފައެވެ.