ރާއްޖެއާ ދެކޮޅަށް އިގުތިސޯދީ ގޮތުންނާއި ޑިޕްލޮމެޓިކް އަދި ގާނޫނީ ފިޔަވަޅު އަޅަން ޖެހިފައިވާ ކަމަށާއި އެކަން ކުރުމަށް އިދިކޮޅު ފަރާތްތަކުން ބޭރު ގައުމުތަކަށް ގޮވާލައިފިއެވެ.
އިދިކޮޅު މެމްބަރުން ބުނެފައިވަނީ ދިވެހި ސަރުކާރުން ސުޕްރީމް ކޯޓުގެ އަމުރަށް ގޮންޖަހާފައިވާ ކަމަށެވެ. އަދި ރައީސް އަބްދުﷲ ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ގާނޫނު އަސާސީ ބޭރުން ކަމަށާއި އެކަން ހުއްޓުވަން ޖެހޭ ކަމަށެވެ.
ޔޫރަޕިއަން ޔޫނިއަނާއި އދ. އަދި އިންޑިޔާ، ލަންކާ، އެމެރިކާއާއި އިނގިރޭސި ވިލާތަށް ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އިދިކޮޅު ފަރާތްތަކުން ނެރުނު ގަރާރުގައި ގޮވާލާފައިވެއެވެ.
ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރާއި ކަމާ ބެހޭ އެންމެހާ އިދާރާތަކަށް ކުރި އަމުރުގައި އިދިކޮޅު 9 ލީޑަރަކު ވަގުތުން މިނިވަން ކުރުމަށް ބުނެފައިވާއިރު އަދިވެސް ސަރުކާރުން އެއަމުރު ތަންފީޒުކޮށްފައެއް ނުވެއެވެ.
ސުޕްރީމް ކޯޓުން ވަނީ ރޭ އަމުރު ތަންފީޒު ކުރުމަށް ހުރަހެއް ނެތް ކަމަށާއި ފަސްނުކޮށް، އަމުރު ތަންފީޒު ކުރުމަކީ ލާޒިމު ކަމެއް ކަމުގައި ބުނެފައެވެ.