ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ދިރިއުޅުއްވާ ގެކޮޅު ކައިރީ ރޭ މެންދަމު ހަތިޔާރު އެޅި ބަޔަކު ނެތި ނުބައި ގޮވައި، ބިރު ދެއްކުމުގެ އަމަލެއް ހިންގައިފިއެވެ.
މައުމޫން ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ ރޭ ދަންވަރު ވަޅި ހިފައިގެން ތިބި ބަޔަކު އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ކައިރިން ދުއްވާފައި ދަމުން ހަޅޭއްލަވައި، ނުބައި އެއްޗެހި ގޮވާފައިވާ ކަމަށެވެ. އަދި އެފަދަ އަމަލެއް ހިންގުމަށް ބަޔަކު ފޮނުވީ ކާކުކަން ހޯދައި ތަހުގީގު ކޮށްދިނުމަށް މައުމޫން ވަނީ ފުލުހުންނާއި ސިފައިންގެ ކިބައިން އެދިފައެވެ.
ދާދި ފަހުން ރައީސް މައުމޫންގެ ދަރިކަލުން، ފާރިސް މައުމޫން ހައްޔަރުކުރުމަށްފަހު ފުލުހުން ވަނީ މައުމޫން ދިރިއުޅުއްވާ ގެކޮޅަށްވެސް ވަދެގަނެފައެވެ. މައުމޫން ވަނީ ތަކުރާރުކޮށް ފުލުހުންނަށް އެގޭގައި ފާރިސްގެ ކޮޓަރިއެއް، އޮފީހެއް ނުހުންނާނެ ކަމަށާއި އެގެއަށް ވަނުމުގެ ހައްގެއް ފުލުހުންނަށް ނެތް ކަމަށް ބުނެފައެވެ.