ކާންދޭ އަތުގައި ދަތްއެޅި ކަމަށް އިއުތިރާފްވެވަޑައިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސމް އިބްރާހީމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރައްދު ދެއްވައިފި އެވެ.
ރޭ ޕީޕީއެމްގެ "ރުމާލު 2" ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޤާސިމްގެ ނަން ފާހަގަ ނުކުރައްވައި، ސައީދު ވިދާޅުވި ކަމަށް މިހާރު ނޫހުން ރިޕޯޓް ކުރާ ގޮތުގައި އޭނާއާއި ދިމާލަށް ކާން ދިން އަތުގައި ދަތް އެޅި ކަމަށް ބުނެ ބަޔަކު ފާޑު ކިޔަމުން އަންނަ ކަމަށެވެ. އެކަމަކު އިދިކޮޅު ހަތަރު ލީޑަރުން ދަތް އެޅީ ކޮން އެއްޗެއްގައިތޯ އޭނާ ސުވާލުކުރެއްވި އެވެ.
"އަޅުގަނޑާ ދިމާލަށް ރައްދުކޮށް ބުނާނެ ކާން ދިން އަތުގައި ދަތް އެޅިއްޔޭ. ވަރަށް ބާރަށް ބުނާ ވާހަކައެއް އެއީ، އަޅުގަނޑު ދަތް އެޅީ،" މިހާރު ޕީޕީއެމް މެމްބަރެއްގެ ގޮތުގައި ހުންނެވި ސައީދު ވިދާޅުވި އެވެ.
މީގެ ކުރިން ގިނަ ދުވަސްތަކެއް ވަންދެން ޤާސިމްގެ ސަން އައިލެންޑް ރިސޯޓްގެ ޖެނެރަލް މެނޭޖަރުގެ މަޤާމްގައި ހުންނެވި ސައީދު ޤާސިމް އަށް އިޝާރާތް ކުރައްވައި ކުރިން ވިދާޅުވެފައި ވަނީ އއ. އާއި އދ. އަތޮޅު ތަރައްޤީ ވިޔަނުދީ ބޭއްވީ އަމިއްލަ ވިޔަފާރީގެ ހިމާޔަތުގައި ކަމަށާއި، ވިޔަފާރިވެރިއެއްގެ ޝައުޤާއި އަމިއްލަ ބޭނުމަށް ބޭނުންކުރަން އެއްވެސް ރަށެއް، އަތޮޅެއް، މީހެއް ހުންނަން ޖެހޭނެކަމަށް ޤާނޫނު އަސާސީގައި ނުވާ ކަމަށެވެ.
ޖުމްހޫރީ ޕާޓީއަށް ކަނޑައެޅި ސްލޮޓެއްގައި ރައީސް ޔާމީންގެ ސަރުކާރުގައި މިނިސްޓަރުކަމުގެ މަޤާމަށް ވަޑައިގަތް ސައީދު ވަނީ ފަހުން އެ ޕާޓީން ވަކިވެވަޑައިގެންފަ އެވެ.
ސައީދުގެ ވާހަކަތައް ރައްދު ދެއްވަމުން މީގެ ކުރިން ޤާސިމް ވިދާޅުވެފައި ވަނީ ޖަނަވާރުން ވެސް އެސޮރުމެން ގެންގުޅެ ބަލައިބޮޑުކުރި މީހާ ދަންނަ ކަމަށެވެ. އަދި ގިނަ ބަޔަކު ވަނީ ސައީދު އަށް ޤާސިމް ކިޔަވައިދީ އޭނާގެ ވަޒީފާގައި އުޅުއްވަނިކޮށް މިނިސްޓަރުކަން ހޯދައިދެއްވާފައިވާއިރު، ޤާސިމަށް ސައީދު ފާޑުވިދާޅުވުމަކީ ހުތު ކަމެއް ކަމަށް ބުނެފައެވެ.
ރޭ ޕީޕީއެމް އިން ބޭއްވި ޖަލްސާގައި ސައީދު ވިދާޅުވީ ޤައުމަކީ "މަންމަ" ކަމުގައިވާއިރު، ޤައުމު ބޭނުންކޮށްގެން ފޭރުމަކީ މަންމަގެ މުޅި ގައިގައި ދަތް އެޅުން ކަހަލަ ކަމެއް ކަމަށެވެ.
މީގެ އިތުރުން ރައީސް މައުމޫނަށް ފާޑުވިދާޅުވަމުން ސައީދު ވިދާޅުވީ 30 އަހަރު ވަންދެން ވެރިކަން ދިނީމަވެސް މައުމޫނަށް ރާއްޖެ ތަރައްޤީ ކުރުމަށް ފައިދާ ގެންނަން ނޭނގުނު ކަމަށާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ވަޑާންގެއެއް ހިންގަން ނޭނގުނު ބޭފުޅެއް ކަމަށްވެސް ސައީދު ވަނީ ވިދާޅުވެފަ އެވެ.
ސައީދު ވިދާޅުވީ ރައީސް ޔާމީންގެ މަޤާމުގައި އިދިކޮޅު ކޮންމެ ލީޑަރެއް ހުންނެވި ނަމަވެސް، ހައެއްކަ ފަހަރު އިސްތިއުފާ ދެއްވާނެ ކަމަށައި، ރައީސް ޔާމީން އާއިމެދު ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.
ރައީސް ޔާމީނަކީ މުހައްމަދު ތަކުރުފާނު ފަދަ ދިރިހުރި ބަތަލެއް ކަމުގައި ވެސް ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ދައުލަތުގެ ވަލީއުލްއަމުރަކީ ޖުމްހޫރިއްޔާގެ ރައީސް ކަމާމެދު ޝައްކު ކުރެވޭނެ އެއްވެސް ފަރާތެއް ނޯންނާނެ ކަމަށާއި، ރައީސް ޔާމީން ޤަނޫނު އަސާސީއާއި ޚިލާފުވި އެއްވެސް ކަމެއް ނުދެއްކޭނެ ކަމަށެވެ.