ސުޕްރީމް ކޯޓުން ދިވެހި ސަރުކާރުގެ މައްޗަށް ކުރި އަމުރު ތަންފީޒުކުރުމަށް ރައީސް އަބްދުﷲ ޔާމީނަށް ދެންނެވުމުން ޖަވާބުގައި އަދާކުރަމުން ދިޔަ ވަޒީފާއިން ވަކިކޮށްފި ކަމަށް ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްގެ އެގްޒެކެޓިވް ކޯޑިނޭޓަރު، އަބްދުﷲ މުއާޒު ވިދާޅުވެއްޖެއެވެ.
މުއާ ކުރި ޓުވީޓެއްގައިވަނީ ރައީސުލް ޖުމުހޫރިއްޔާގެ އޮފީހުން އޭނާ މަގާމުން ވަކިކޮށްފައިވާ ކަމަށް ބުނެ ފޮނުވި ސިޓީ އާންމުކޮށްފައެވެ. އަދި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރުމަށް ރައީސް ޔާމީނަށް ދެންނެވުމުން އޭނާއަށް ލިބުނު ޖަވާބު ކަމަށެވެ.
supreme court ge amuru thangeezu kuran RY ah dhennvumun alhugandah libunu javaabu. v enme avahakah amuru thanfeezu kurahvva pic.twitter.com/wye1wWTzj8
— Muaa Abdulla (@muaa_abdulla) February 5, 2018
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް މުހައްމަދު މުޖުތާޒު ސޮއިކުރައްވައި ފޮނުވި ސިޓީގައި ބުނެފައިވަނީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން ރައީސުލްޖުމުހޫރިއްޔާއަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން، ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްގެ އެގްޒެކެޓިވް ކޯޑިނޭޓަރުގެ މަގާމުން އަބްދުﷲ މުއާޒު މިއަދު ވަކިކުރައްވައިފި ކަމުގައި ދަންނަވަން ރައީސުލް ޖުމުހޫރިއްޔާ ވިދާޅުވެފައިވާ ކަމަށެވެ.
ރައީސް ޔާމީން ވަނީ ސުޕްރީމް ކޯޓުގެ އަމުރު ނެރުނު ފަހުން ދެ ދުވަހުގެ މުއްދަތުގައި ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ތިއްބެވި ދެބޭފުޅުންވެސް ވަކިކުރައްވާފައެވެ. ސީޕީ އަރީފް ވަކިކުރެއްވީ ފޯނަށް ޖަވާބު ނުދެއްވާތީ ކަމަށް ބަންޑާރަ ނައިބު އަނިލް ވިދާޅުވެފައިވާއިރު އަރީފްގެ ބަދަލުގައި މަގާމަށް އައްޔަން ކުރި ޑީސީޕީ ސައުދީ ވަނީ މަގާމަށް އައްޔަން ކުރި ދުވަހު ފަހު ދުވަހު ވަކިކޮށްފައެވެ.