Last Updated: June 28, 06:07
Sunday, June 28, 2026
ޚަބަރު

ބީއެމްއެލްގެ "ލައިފްސްޓައިލް ލޯން" ތަޢާރަފުކޮށްފި

ކަސްޓަމަރުން ބޭނުންވާ ފަދަ ފައިނޭންސިންގެ އިތުރު ފުރުސަތު ހޯދައިދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އާ ލޯނެއް މިއަދު ތައާރަފްކޮށްފިއެވެ.

ބީއެމްއެލްގެ ވެބްސައިޓްގައި މިއަދު ޝާއިރުކޮށްފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ "ލައިފްސްޓައިލް ލޯން" ގެ ނަމުގައި މިއަދު ތަޢާރަފްކުރި މި ލޯން ފަރުމާކުރެވިފައި ވަނީ ެދޮރުވެރިންނަށް އަމިއްލަ ގެދޮރު ރަހުނުކުރުމަށްފަހު ލުއިފަސޭހަކަމާއެކު 500،000 ރުފިޔާ އާ ހަމަޔަށް ލޯނު ލިބޭނެ ގޮތަށް ކަމަށެވެ.

މި ލޯނު މެދުވެރިކޮށް އަމިއްލަ ބޭނުންތަކަށާއި ވިޔަފާރި ބޭނުންތަކަށް ފައިނޭންސް ކުރެވޭނެ ކަމަށާއި ގެއަށް ބޭނުންވާ ފަރުނީޗަރު ނުވަތަ އިލެކްޓްރޯނިކް ސާމާނު ހޯދުމަށާއި ކުދިންނަށް ތައުލީމް ހާސިލްކޮށްދިނުމަށާއި، ވިޔަފާރިއަށް ކުއްލިއަކަށް ބޭނުންވާ ފައިސާ ހޯދުމަށް ވެސް މި ލޯނު ބޭނުންކުރެވޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލް އިން މަޢުލޫމާތު ދޭގޮތުގައި މި ލޯނު ދޫކުރާނީ ކަސްޓަމަރުގެ އަމިއްލަ ގެދޮރު ރަހުނުކުރުމަށްފަހުގައެވެ.

މި ލޯނާ ގުޅޭގޮތުން ބީއެމްއެލްގެ ޑައިރެކްޓަރ އޮފް ބިޒްނަސް ކުލްދިޕް ޕަލިވާލް ވިދާޅުވީ ބީއެމްއެލް ލައިފްސްޓައިލް ލޯނަކީ ފަސޭހަކަމާއެކު ކްރެޑިޓެއް ހޯދުމަށް ބޭނުންވާ ކަސްޓަމަރުންނަށް ވަރަށް އެކަށޭނެ ލޯނެއް ކަމަށާއި، ކުލީގެ ގޮތުގައި އާމްދަނީ ލިބޭ ފަރާތްތަކަށް އަމިއްލަ ގެދޮރު ރަހުނުކުރުމަށްފަހު ފަސޭހަކަމާ އެކު 500،000 ރުފިޔާ އާ ހަމަޔަށް ދޫކުރެވޭ ލޯނަކަށް ވުމާއެކު، މިއީ އެ ކަސްޓަމަރުންގެ މެދުގައި މަޤްބޫލް ލޯނަކަށް ވެގެންދާނެ ކަމަށެވެ.

މީގެ އިތުރުން މިލޯނާ ގުޅޭ އިތުރު މައުލޫމާތު ބީއެމްއެލްގެ ކޮންމެ ބްރާންޗަކުންނާއި، ރިލޭޝަންޝިޕް މޭނަޖަރުން މެދުވެރިކޮށް އަދި ބޭންކުގެ ވެބްސައިޓް www.bankofmaldives.com.mv އިން ލިބޭނެ ކަމަށްވެސް ޕަލިވާލް ވިދާޅުވި އެވެ.