ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު ސަރުކާރުން އިއުލާންކޮށްފިއެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނީ 15 ދުވަހުގެ މުއްދަތަކަށެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްދެއްވީ ރައީސް އޮފީހުގެ ލީގަލް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު އާއި އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އާއެކު ރައީސް އޮފީހުގައި ކުރިއަށްދިޔަ ޕްްރެސް ކޮންފަރެންސެއްގައެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ނެރުނު ޤަރާރުގައި ބުނެފައި ވަނީ ރައީސް ޔާމީން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން، ޤާނޫނު އަސާސީއާއި ޤާނޫނުގެ ބާރު ކެނޑި ޤައުމީ ނުރައްކަލުގެ ހާލަތަށް ގޮސްފައިވާތީކަމަށެވެ.
ކުއްލި ހާލަތު އިއުލާނުކޮށްފައި ވަނީ މާލެ އާއި، މިހާރު ދިމާވެގެން އުޅޭ މި މައްސަލައާ ގުޅިގެން ގާނޫނާއި ހިލާފު އަމަލު ހިންގައިގެން އުޅޭ ފަރާތެއް ނުވަތަ ފަރާތްތަކެއް ހިމެނޭ ތަންތަނުގައެވެ.
ކުއްލި ހާލަތުގައި އަމަލު ކުރުން ހުއްޓާލަން ނިންމި ގާނޫނުއަސާސީގެ މާއްދާތަކުގެ ތެރޭގައު 24، 29، 31، 32، 43، 44، 45، 46، 47، 49، 50، 58، 65، 99، 100، 101، 113، 145ގެ ނ، އަދި 228 ވަނަ މާއްދާ. ޖިނާއީ އިޖުރާއަތުގެ ގާނޫނާއި، ފަނޑިޔާރުންގެ ގާނޫނުގެ 12، 14. ހިމެނެއެވެ
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އާޒިމާ ވިދާޅުވީ ކުއްލި ޙާލަތު އިއުލާންކުރެވުނު ނަމަވެސް، އާއްމު ދިރިއުޅުން ކުރިއަށް ގެންދިޔުމަށް ހުރަހެއް ނެތް ކަމަށާއި ދިވެހި ރާއްޖޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނާއި، ދިވެހި ރާއްޖޭގައި މަސައްކަތް ކުރާ އެންމެހާ ބިދޭސީންނާއި ފަތުރުވެރިންނަށް ރައްކާތެރިކަން ދައުލަތުގެ ފަރާތުން ފޯރުކޮށްދޭނެ ކަމަށާއި، އެ ފަރާތްތަކުގެ މުއާމަލާތްތައް ކުރިއަށް ގެންދެވޭނެކަމުގެ ހުރަހެެއް ނެތްކަމަށް ސަރުކާރުން ވަނީ ކަނޑައަޅާފައި ކަމަށެވެ.