ސަލާމަތީ ބާރުތަކުން ސުޕްރީމް ކޯޓް ވަށާލައިފިއެވެ.
ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ދާދި ދެންމެއަކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ސަލާމަތީ ބާރުތަކުން ސުޕްރީމް ކޯޓު ވަށާލާފައިވާކަން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އެމަނިކުފާނަށް އަށް އަންގާފައިވާ ކަމަށެވެ.
https://twitter.com/hsuood/status/960551470696312832?s=17
ސަލާމަތީ ބާރުތަކުން ސުޕްރީމް ކޯޓް ބޭރުން ބަންދުކޮށްފައިވުމާއެކު ފަނޑިޔާރުންގެ ކެއިންބުއިމަށް ހުރަސްއެޅިފައިވާ ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިކަމަށް ސުއޫދުގެ ޓްވީޓްގައި ވެއެވެ.
ސުއޫދު ދެންމެ ކުރެއްވި ޓްވީޓްގައި ވަނީ ސުޕްރީމް ކޯޓްގެ ގޭޓްތައް ހަލާކުކުރުމުގެ މަސައްކަތް ސަލާމަތީ ބާރުތަކުން ކުރަމުންދާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވާ ކަމަށެވެ.
https://twitter.com/hsuood/status/960554477613756416?s=17
ސަލާމަތީ ބާރުތަކުން ސުޕްރީމް ކޯޓަށް ވަނުމުގެ މަސައްކަތް ކުރަމުންދާއިރު، ސުޕްރީމް ކޯޓާއި އުއްތަމަ ފަނޑިޔާރުގެ ހިމާޔަތުގައި ދިވެހި ރައްޔިތުން ނިކުތުމަށް އުއްތަމަ ފަނޑިޔާރު އަބްދުالله ސައީދު ވަނީ ގޮވާލައްވާފައެވެ.
މިރޭ ވަނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް މަތީ ކޯޓެއްގެ އަމުރެއް ނެތި ފަނޑިޔާރުން ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ދީފައެވެ.
މި ބާރު ފުލުހުންނަށް ލިބުނީ ކުއްލި ނުރައްކަލުގެ ޤަރާރުގައި ރައީސުލްޖުމްހޫރިއްޔާ ފަނޑިޔާރުންގެ ޤާނޫނުގެ 14 ވަނަ މާއްދާއަށް އަމަލު ކުރުން ހުއްޓާލާފައިވާކަން އިއުލާން ކުރުމާއެކުއެވެ.
ރައީސްގެ ގަރާރުގައި ގާނޫނުއަސާސީގެ 45 ވަނަ މާއްދާ އަށް ވެސް ވަނީ އަމަލު ކުރުން ހުއްޓާލާފައެއެވެ. އެހެންކަމުން ކޯޓު އަމުރެއް ނެތި ބޭނުން އިރަކު ކޮންމެ މީހަކު ވެސް ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ލިބޭނެއެވެ.