ސ. ހިތަދޫގެ މަގުތައް މިއަދުގެ ނިޔަލަށް ހަދައި ނުދީފި ނަމަ މުޒާހަރާ ކުރާނެ ކަމުގެ އިންޒާރު ހިތަދޫގެ ޓެކްސީތަކުން ދީފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.
ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރު ހުސެއިން ފަހުމީ މިއަދު ވިދާޅުވީ މިދިޔަ އަންގާރަ ދުވަހު ހިތަދޫގެ ޓެކްސީ ޑްރައިވަރުން ކައުންސިލާ ބައްދަލުކޮށް މަގު ހަދައި ދިނުމަށް އެދި، ބުރާސްފަތި ދުވަހުގެ ނިޔަލަށް މަގު ހަދައި ނުދީފި ނަމަ މުޒާހަރާ ކުރާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށެވެ.
ފަހުމީ ވިދާޅުވީ ހިތަދޫގެ މަގުތައް ވަރަށް ބޮޑަށް ހަލާކުވެ، ދުއްވާ ތަކެއްޗާއި ހިނގާބިގައި އުޅޭ މީހުންނަށް ދަތިވާވަރަށް އޮތުމުގެ ސަބަބުން މަގު މަރާމާތުކޮށް ދިނުމަށް އެސްޔޫއެލްގައި އެދިފައިވާ ކަމަށެވެ.
"މަގުތައް މަރާމާތު ނުކުރެވިގެން ޓެކްސީ ޑްރައިވަރުން އައިސް ކައުންސިލާއި ބައްދަލުކޮށް މުޒާހަރާ ކުރާނެކަމުގެ އިންޒާރު ދީފައިވަނީ" ފަހުމީ ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވީ އެސްޔޫއެލް އިން އިއްޔެ މަގު މަރާމާތު ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައިވަނިކޮށް އިއްޔެ އާއި ރޭ ވަރަށް ބޮޑަށް ވިއްސާރަވެ މަގުތަކުގައި ފެންގަނޑު ހެދިފައިވާތީ މަސައްކަތް ނުފެށިވާ ކަމަށެވެ.
އަދި މިއަދު މަގު ހަދަން ޖެހޭ އިރު މަގުމަތީގައި ހެދިފައިވާ ފެންގަނޑު ނެގޭނެގޮތެއް ނެތްކަމަށް އެސްޔޫއެލްއިން ކައުންސިލަށް އަންގާފައިވާ ކަމަށެވެ.
"އެސްޔޫއެލް އިން މިއަދު ބުނެފައި ވަނީ މަގު ހެދޭނީ މަގުމަތީގައިވާ ފެންގަޑުތައް ނަގައިގެންކަމަށް. އެކަމަށް ބޭނުން ކުރާ ވެހިކަލަށް އަޅަންޖެހޭ ޕެޓްރޯލް އެސްޔޫއެލްގައި ނެތްކަމަށް ވަނީ. އެހެންވެ މިއަދު މަގު ހެދޭނެ ހެނެއް ހީނުވޭ." ފަހުމީ ވިދާޅުވި އެވެ.
އެސްޔޫއެލްގެ ފަރާތުން އަލީ ނިޒާރު ވިދާޅުވީ ހިތަދޫގެ މަގުތައް މަރާމާތު ނުކުރެވި އޮތުމުގެ ސަބަބުން މިހަފްތާގެ އަންގާރަ ދުވަހު އެކަން ކައުންސިލްގެ ސަމާލުކަމަށް ގެނެސް މަސައްކަތް ކުރުމަށް އެދުމަށް ސިޓީ ފޮނުވުމަށް ބުނެފައިވާ ކަމަށެވެ.
"މަގުތައް މަރާމާތު ނުކުރެވި އޮވެގެން އަޅުގަނޑުމެން އެސްޔޫއެލް އިން ކައުންސިލްގައި އެދުނިން އެކަން ކުރުމަށް ޓަކައި ސިޓީ ފޮނުވުމަށް. އެއީ އަޅުގަނޑުމެންނަށް މަގު ހެދޭނީ ކައުންސިލުން އަންގައިގެން، އެއީ އެމީހުންގެ ކަމެއް، އަޅުގަނޑުމެން ޖެހޭނީ ކައުންސިލުން އެދުނީމަ އެކަމެއް ކުރަން." ނިޒާރު ވިދާޅުވި އެވެ.
ނިޒާރު ވިދާޅުވީ އަންގާރަ ދުވަހު ހަވީރު މަގު ހަދައިދިނުމަށް އެދި ކައުންސިލުން ސިޓީ ފޮނުވުމުން ބުދަ ދުވަހު މަސައްކަތް ކުރުމަށް ވާން ޖެހޭ ހުރިހާ ތައްޔުާތީތަކެއް ވެގެން ތިއްބާ ވިއްސާރަވެ މަސައްކަތް އިއްޔެ ނުފެށުނީ ކަމަށެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރަން ރެޑީވެގެން ތިއްބާ ވިއްސާރަވެ، މަގުތަކުގައިވަނީ ބޮޑެތި ފެންގަޑުތައް ހެދިަފއި، ފެން ނުނަގައި މަގު ނެހެދޭނެ، އެކަމަށް ވަކި ވެހިކަލްތަކެއް މި ބޭނުން ކުރަނީ." އޭނާ ވިދާޅުވި އެވެ.
ނިޒާރު ވިދާޅުވީ ފެން ހިއްކުމަށް ބޭނުން ކުރާ ބޯޒަރަށް އަޅާނެ ޕެޓްރޯލެއް އެސްޔޫއެލްގައި ނެތުމުން އެ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން މިދަނީ މިހާރު އެ މަސައްކަތް ކުރަމުން، ފެންނުނަގައި މަގު ހަދައިފިނަމަ ، މިހާރު އޮތް ހާލަތަށް ވުރެ ހާލަތު ދަށްވާނީ، އެހެންވެ ފެން ނެގުމަށް މި މަސައްކަތް ކުރަނީ." އޭނާ ވިދާޅުވި އެވެ
ނިޒާރު ވިދާޅުވީ ކައުންސިލުން އެދިގެން މިހާތަނަށް މަގު މަރާމާތުކޮށް ނުދީ ނުހުންނާނެ ކަމަށެވެ. އަދި ކައުންސިލުން ކަމަކަށް އެދިއްޖެ ނަމަ އެކަން ވީއެންމެ ފުރިހަމައަށް އަދި އެންމެ އަވަހަށް ވަސީލަތް ހުރި މިންވަރަކުން ކުރެވޭތޯ ބަލަމުން އަންނަ ކަމަށެވެ.