ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ދިރިއުޅުއްވާ ގެކޮޅަށް ގަދަ ބާރުން ވަދެގަނެ، ދާދި ދެންމެއަކު މައުމޫން ހައްޔަރުކޮށްފިއެވެ.
ރައީސް މައުމޫންގެ އިތުރުން އެމަނިކުފާނުގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން ނަދީމްވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރުކުރި ސަބަބެއް ހާމަކޮށްފައިނުވި ނަމަވެސް ފުލުހުން ވަނީ ހައްޔަރު ކުރަން އުޅޭކަން އަންގައި ތައްޔާރުވުމަށް ފުރުސަތު ދީފައެވެ.
މައުމޫން އަދި ނަދީމް ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުދީ، އެމެމްބަރުންނާ ގުޅިގެން ވެރިކަން ވައްޓާލުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ކަމަށް މައުލޫމާތު ލިބެއެވެ.
ފުލުހުން ރައީސް މައުމޫންގެ ގެކޮޅުގެ ބޮޑު ދޮރު ވައްޓާލުމަށްފަހު ގަދަ ބާރުން ވަދެގަނެފައިވަނީ އެގޭގެ ދޮރުގައި ތެޅުމަށްފަހު ޖަވާބެއް ނުދިނުމުންނެވެ.
ރައީސް ޔާމީން ވަނީ މިރޭ މާލޭގައި ކުއްލި ހާލަތު އިއުލާން ކޮށްފައެވެ. ސިފައިން ވަނީ ސުޕްރީމް ކޯޓަށްވެސް މިރޭ ގަދަ ބާރުން ވަދެގަނެފައެވެ.