Last Updated: May 5, 21:32
Sunday, May 5, 2024
ޚަބަރު

އަމުރު ތަންފީޒު ނުކުރުމަކީ ކަންބޮޑުވުމެއް: އައްޑޫ ކައުންސިލް

މިދިޔަ ބުރާސްފަތި ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ނުކުރެވި ލަސްވަމުން ދިއުމަކީ އައްޑޫ ރައްޔިތުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް އައްޑޫ ކައުންސިލުން ބުނެފި އެވެ.

މިކަމާ ގުޅިގެން ކައުންސިލުން ފާސްކުރި ގަރާރާގެއްގައި ބުނީ ފެބުރުވަރީ، 1 2018 ގއި ނެރުނު ކޯޓު އަމުރު ރައްދުވާ ފަރާތްތަކުން މި އަމުރު ތަންފީޒު ކުރުން ލަސްކުރަމުންދާ މައްސަލައަކީ އައްޑޫ ރައްޔިތުން ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.

"އެހެންކަމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި އަމުރު، މިހިނދުން މިހިނދަށް ތަންފީޒުކޮށް ދެއްވުމަށް، އައްޑޫގެ ލޮބުވެތި ރައްޔިތުންގެ ނަމުގައި މި ކައުންސިލުން ގޮވާލަމެވެ. އަދި މި އަމުރުގައިވާ ކަންތައްތައް ތަންފީޒު ނުކުރެވިދާ ކޮންމެ ވަގުތު ކޮޅަކީ ދިވެހިރައްޔިތުން، އަދި ޚާއްޞަކޮށް އައްޑޫގެ ރައްޔިތުން ވަރަށް ކަންބޮޑުވާ ކަމެއްކަމުގައި ވީހިނދު، މީލާދީ ސަނަތުން ދެހާސް އަށާރަ ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ ފަސް (05 ފެބުރުވަރީ 2018) ވަނަ ދުވަހު ބޭއްވުނު އައްޑޫ ސިޓީ ކައުންސިލްގެ 2018 ވަނަ އަހަރުގެ 02 ވަނަ ކުއްލި މަޖިލީސްގައި ބައިވެރިވި އަޅުގަނޑުމެން، މިޤަރާރު ފާސް ކުރުމަށް އިޤްރާރުވެ، މި ލިޔުމުގައި އަޅުގަނޑުމެންގެ ޤާނޫނީ ސިއްކަ އޮބައި ސޮއިކޮށް މި ޤަރާރު ފާސް ކުރީމެވެ." އައްޑޫ ކައުންސިލަރުން ސޮއި ކުރައްވައި ނެރުއްވި ގަރާރުގައި ބުންޏެވެ.

ސްޕްރީޓް ކޯޓުން ނެރުނު އަމުރުގައި ވަނީ ޖަލު ހުކުމްތަކެއް އިއްވާފައިވާ ސިޔާސީ ނުވަ ބޭފުޅަކު ވަގުތުން ވަގުތަށް ދޫކޮށްލަން ދައުލަތުގެ މައްޗަށް އަމުރުކޮށްފަ އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާމް އަބްދުﷲ ފަދަ ބޭބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.

ނަމަވެސް އެ ބޭފުޅުން މިނިވަން ނުކޮށް، ސްޕްރީމް ކޯޓްގެ އަމުރަށް ގޮންޖަހައި، ސަރުކާރުން ރޭ ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ޝަރުއީ ނިޒާމާއި ރައްޔިތުންގެ މަޖިލީހާއި ގާނޫނު އަސާސީގެ ބާރު ވެސް ކަނޑުވާލައިފަ އެވެ.