Last Updated: June 11, 06:23
Thursday, June 11, 2026
މުނިފޫހިފިލުވުން

އަދީގެ އާ ފިލްމްގައި ވެސް ޝާހް

ފަސް އަހަރަށް ފަހު އަނެއްކާ ވެސް ޝާހްރުކް ހާން ހިމަނައިގެން ފިލްމެއް ޑައިރެކްޓް ކުރަން މަޝްހޫރު ޑައިރެކްޓަރު އަދިތިޔާ ޗޯޕްޅާ ނިންމައިފި އެވެ.

އަދީ އާއި ޝާހް އެންމެ ފަހުން އެކުގައި މަސައްކަތްކޮށްފައި ވަނީ 2008 ވަނަ އަހަރު ރިލީޒްވި "ރަބް ނެ ބަނާދީ ޖޯޅީ" ގަ އެވެ. އެ ފިލްމަކީ ބޮލީވުޑްގައި މިހާރު ކުރިއަރަމުން އަންނަ ބަތަލާ އަނުޝްކާ ޝަރްމާގެ ފުރަތަމަ ފިލްމް ވެސް މެ އެވެ.

އާ ފިލްމެއްގެ މަސައްކަތް ފަށަން އަދީ ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނި ނަމަވެސް ފިލްމާ ބެހޭ ގޮތުން އަދި ރަސްމީކޮށް އެއްވެސް މައުލޫމާތެއް އާންމުކޮށްފައެއް ނުވެ އެވެ. އެެހެން ނަމަވެސް ފިލްމްގެ ސްކްރިޕްޓްގެ މަސައްކަތް ނިންމައި މި އަހަރުގެ ފަހުކޮޅު އަދީ އޭނާގެ ހަަތަރު ވަނަ ޑައިރެކްޝަންގެ މަސައްކަތް ފަށާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އަދީ މިހާތަނަށް ޑައިރެކްޓް ކުރި ހުރިހާ ފިލްމެއްގައި ވެސް ލީޑް ރޯލް ކުޅެފައި ވަނީ ޝާހް އެވެ. އޭގެ ތެރޭގައި "ދިލްވާލޭ ދުލްހަނިޔާ ލޭޖާ އޭގޭ"، "މުހައްބަތޭ" އަދި "ރަބްނެ ބަނާދީ ޖޯޅީ" ހިމެނެ އެވެ.

އަދީ އާންމުކޮށް ފިލްމެއް ޑައިރެކްޓް ކުރަނީ ކޮންމެ ފަސް އަހަރަކުންކަން ފާހަގަކޮށްލެ އެވެ. އެހެން ނަމަވެސް ޔާޝްރާޖް އިން އެހެން ޑައިރެކްޓަރުން ބޭނުންކޮށްގެން ހަދާ ފިލްމްތަކުގެ މަސައްކަތް ވަރަށް ގާތުން އޭނާ އަބަދު ވެސް ބަލަ އެވެ.