Last Updated: May 4, 10:18
Saturday, May 4, 2024
ޚަބަރު

ބީއެމްއެލްގެ ވިލިމާލެ ބްރާންޗަށް ޒަމާނީ ބަދަލުތަކެއް ގެނެސް، ހިދުމަތް 24 ގަޑިއިރަށް!

ބޭންކް އޮފް މޯލްޑިވްސް އިން ވިލިމާލޭގައި ކުރަމުންދާ އިންވެސްޓްމަންޓްތައް އިތުރުކޮށް އައު ސެލްފް ސަރވިސް ބޭންކިންގ ސެންޓަރެއް މިއަދު ގާއިމްކޮށްފިއެވެ.

މި އޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާ އަދި ޗެކް ޖަމާކުރުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް 24 ގަޑިއިރު ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން ހާމަކުރިއެވެ.

އަދި މީގެ އިތުރުން ވިލިމާލޭގައި ޤާއިމްކޮށްފައިވާ ބޭންކުގެ ބްރާންޗަށްވެސް ވަނީ ޒަމާނީ ބަދަލުތަކެއް ގެނެސްފައެވެ.

ދިވެހި މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން މިހާރު ކުރިޔަށްގެންދާ "އަހަރެންގެ ބޭންކް" ޕްރޮގްރާމްގެ ދަށުން ޤާއިމްކުރެވުނު މި ސެންޓަރ ހުޅުވާފައިވަނީ މިއަދު މެންދުރުފަހު ވިލިމާލޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ މިއަދު މި ޤާއިމް ކުރެވުނު އާ ސެލްފް ސަރވިސް ބޭންކިން ސެންޓަރ އާއެކު ވިލިމާލޭގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެވޭކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި ކުރިއަށް އޮތްތާނގައި އަމިއްލަ ފަރުދުންނާއި ވިޔަފާރިވެރިންނަށް ޚިދުމަތް ލިބިގެންދާނީ އެންމެ ޒަމާނީ ބްރާންޗަކާއި 24 ގަޑިއިރު ޚިދުމަތް ލިބޭ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރެއް މެދުވެރިކޮށް ކަމަށެވެ.

ބޭންކުން މިހާރު ކުރިޔަށްގެންދާ "އަހަރެންގެ ބޭންކް" ޕްރޮގްރާމްގެ ދަށުން އިޖްތިމާޢީ ގިނަ ހަރަކާތްތަކެއްވެސް ކުރިއަށް ގެންދެއެެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 34 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 93 އޭޓީއެމް، 4900 ޕީއޯއެސް މަރޗަންޓުން، 205 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.