Last Updated: June 15, 13:32
Monday, June 15, 2026
ޚަބަރު

ސްޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ މައްސަލައެއް ނެތް: ރައީސް

* ކުއްލި ހާލަތު އިއުލާން ކުރީ ފަނޑިޔާރަކު ޖަވާބުދާރީ ކުރުވަން
* ސްޕްރީމް ކޯޓު ސަސްޕެންޝަން މިހާރު ވަނީ އުވާލާފައި
* އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކަރަޕްޝަން ތުހުމަތު ކުރޭ

ސްޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދު ރިޝްވަތުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އިރު އެކޯޓުގެ ބާކީ ތިއްބެވި ތިން ފަނޑިޔާރުންގެ އެއްވެސް މައްސަލައެއް ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ކުއްލި ހާލަތު އިއްލާން ކުރެއްވުމަށްފަހު ފުރަތަމަ ފަހަރަށް ދިވެހި ރައްޔިތުންނާއި މުޙާޠަބްކޮށް ވާހަކފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ކުއްލި ހާލަތު އިއްލާން ކުރެއްވީ އުއްތަމަ ފަނޑިޔާރާއި، ފަނޑިޔާރު އަލީ ހަމީދުގެ ރިޝްވަތުގެ މައްސަލައެއް ތަހްގީގު ކުރުމަށްކަމަށެވެ.

ރައީސް އަނެއް ތިން ފަނޑިޔާރުންގެ މައްސަލައެއް ނެތްކަމަށް ހާމަ ކުރެއްވިތާ 6 ގަޑިއިރު ފަހުން ސްޕރީމް ކޯޓުގެ ބާރުތައް ސަސްޕެންޑް ކުރެވިފައި އޮތް އޮތުން ނިންމެވުމަކަށް ގެންނެވިއެވެ. އަދި އޭގެ ތިން ގަޑިއިރު ފަހުން ކުށްވެރިން ދޫކޮށްލުމަށް ސްޕްރީމް ކޯޓުގެ އިއްތުފާގުން ނެރުނު އަމުރު އެކޯޓުގައި މިވަގުތު ބާކީ ތިއްބެވި ތިން ފަނޑިޔާރުން ވަނީ ބާޠިލް ކުރައްވާފައެވެ.

ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންކަންކަމުގެ މަންޒަރު މިހާރުވެސް ހާމަވާން ފަށާފައިވާ ކަމަށާއި ވަރަށް އަވަހަށް ބޮޑު މަންޒަރު ފުލުހުން ހާމަ ކުރާނެކަމަށެވެ.