Last Updated: June 15, 11:39
Monday, June 15, 2026
ޚަބަރު

ސްޕްރީމް ކޯޓުން މިރޭ ނެރުނު އަމުރަށް ސަރުކާރުން މަރުހަބާ ކިޔައިފި

ފޮޓޯ: ގޫގުލް

ސިޔާސީ 9 ކުށްވެރިން ދޫކޮށްލުމަށާއި، ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަ ޖުޑީޝަލް ސާރވިސް ކޮމިޝަނަށް ނުބެލޭނެކަމަށް ކަނޑައަޅާފައިވާ ބައި ބާޠިލް ކޮށް މިރޭ ސްޕްރީމް ކޯޓުން ނެރުނު އަމުރަށް ސަރުކާރުން މަރުހަބާ ކިޔައިފިއެވެ.

ފެބްރުއަރީ 1 ވަނަ ދުވަހު ސްޕްރީމް ކޯޓުގެ ފުލް ބެންޗުގެ އިއްތިފާގުން ނެރުނު އަމުރު މިރޭ ބާޠިލް ކޮށްފައިވަނީ އެކޯޓުގެ ތިން ފަނޑިޔާރުންނެވެ. އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފައިވާ އިރު މިއަދު ރައީސް ޔާމީން ގައުމާއި މުހާޠަބު ކުރައްވައި ވިދާޅުވީ ސްޕްރީމް ކޯޓުގެ އަނެއް ތިން ފަނޑިޔާރުންގެ އެއްްވެސް މައްސަލައެއް ނެތް ކަމަށެވެ.

ސްޕްރީމް ކޯޓުން މިމަހުގެ 1 ވަނަ ދުވަހު ނެރުނު އަމުރު ސަރުކާރުން ތަންފީޒު ނުކޮށް، ގައުމުގައި ކުއްލި ހާލަތު އިއްލާން ކޮށް ސްޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަނީ ހައްޔަރުކޮށްފައެވެ.

ރައީސް ޔާމީން މިއަދު ވިދާޅުވީ ރާއްޖޭގައި ކުއްލި ހާލަތު އިއްލާން ކުރެއްވީ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު އަދި ޖޭޑީއޭގެ އެޑްމިނިސްޓްރޭޓަރ ހަސަން ސައިދު ހައްޔަރު ކުރުމަށް ކަމަށެވެ.